ޚަބަރު

ކުރީގެ ނާއިބުރައީސް ޖިހާދު ދިރިއުޅުއްވާ ފްލެޓް ހުސްކުރަން އަންގަވައިފި


ކުރީގެ ނާއިބްރައީސް ޢަބްދުﷲ ޖިހާދު ދިރިއުޅުއްވަން ކުރީގެ ސަރުކާރުން ހަމަޖައްސަވާފައިވާ ރެހެންދި ފްލެޓުގެ 2 އެޕާޓްމަންޓު ހުސްކުރަން އަންގަވައިފިއެވެ.

ރެހެންދި ފްލެޓުގައި ކުރީގެ ނާއިބްރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވާ ދެ އެޕާޓްމަންޓު ހުސްކުރަން ހައުސިންގް މިނިސްޓްރީން އަންގަވާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުކަމަށް މަޢުލޫމާތުލިބެއެވެ. އެމިނިސްޓްރީން 7 ދުވަސްތެރޭގައި އެ 2 އެޕާޓްމަންޓް ހުސްކުރަން އަންގަވާފައިވާކަމަށް މަޢުލޫމާތުލިބެއެވެ. މި 2 އެޕާޓްމަންޓު ހުސްކުރަން ކުރީގެ ނާއިބް ރައީސް ޖިހާދަށް އަންގަވާފައިވަނީ އެ އެޕާޓްމަންޓްތަކަކީ ދައުލަތުގެ ތަނަކަށް ވާތީ އެތަން އެގޮތަށް ބޭނުން ނުކުރެވޭނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް އަންގަވާފައިވާތީކަމަށް މަޢުލޫމާތު ލިބެއެވެ.

އަމިއްލަ ފަރާތްތަކުން ޢިމާރާތްކުރި ރެހެންދި ފްލެޓުގެ ދެޢިމާރާތުން ސަރުކާރަށް 10 އެޕާޓްމަންޓު ލިބުނުއިރު، އެތަނުން 8 އެޕާޓްމަންޓު މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވިއްކުމަށްފަހު، ބާކީވި ދެ އެޕާޓްމަންޓު ވަނީ 2016ވަނައަހަރު އޭރުގެ ނާއިބުރައީސް ޖިހާދު ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެގޮތުގައި ހަމަޖައްސަވާފައެވެ. ރާއްޖޭގެ ނާއިބުރައީސްކަމުގެ މަޤާމަށް ޢަބްދުﷲ ޖިހާދު ޢައްޔަން ކުރައްވާފައިވަނީ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު މަގާމުން ވަކިކުރެއްވުމަށްފަހު އެމަޤާމު ހުސްކޮށް އޮންނަތާ 8 މަސްދުވަސް ފަހުން 22 ޖޫން 2016ގައެވެ.