ޚަބަރު

ރިޟުވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޤަސްތުކުރާކަމުގެ ސިޓީއެއް ލިބިފައިވޭ - ހައިކޯޓު


ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ހައިކޯޓަށް ލިބިފައިވަނީ ޕީޖީގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް ޤަސްތުކުރާކަމުގެ ސިޓީއެއްކަމަށް ހައިކޯޓުން ބުނެފިއެވެ.

ރިޟުވާން ގެއްލުވާލި މައްސަލާގައި ދައުވާ އުފުލި 2 މީހުންގެ މައްޗަށް ދައުވާ ސާބިތުނުވުމުން އެމައްސަލަ އިސްތިއުނާފް ނުކުރި މައްސަލާގައި ޕީޖީއާއި ހައިކޯޓާ ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. ޕީޖީއިން މިމައްސަލަ އިސްތިއުނާފް ކުރިކަމަށްބުނެ ދައްކާފައިވާ ވާހަކަތަކާއި ގުޅިނެން ހައިކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕީޖީގެ ފަރާތުން ލިބިފައިވަނީ އެމައްސަލަ އިސްތިއުނާފު ކުރުމަށް ޤަސްތުކުރާކަމުގެ ސިޓީއެއްކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމުމުގެ ގޮތުގެރިޕޯޓް ލިބުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅަން ހުއްދަ ދިނުން އެދޭ ކަމަށެވެ.

ސުޕްރީމް ކޯޓުން 27 ޖެނުއަރީ 2015 ގައި ނެރުނު ސަރކިއުލާގައި ބަޔާންކޮށްފައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިކަމުގަ ހައިކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ރިޟްވާންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މައްސަލާގައާއި އެހެންވެންވެސް ބައެއް މައްސަލަތަކުގައި ޕީޖީ އަމަލުކޮށްފައިވާގޮތާމެދު ހިންހަމަނުޖެހި އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ވަނީ ހުށަހަޅާފައެވެ.