ތަރައްްޤީ

ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ


ޑިޒައިން އެންޑް ބިލްޑް އުޞޫލުން 4 ރަށެއްގެ ބަނދަރުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކުރައްވައިފިއެވެ.

ބަނދަރުގެ މަސައްކަތް ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ށ.ބިލެއްފައްސާއި، ޅައިމަގާއި، ލ.އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމުގެ އިތުރުން ގއ.މާމެންދޫ ބަނދަރުގެ ބޭރުތޮށި ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

މި 4 މަޝްރޫޢުގެ ތެރެއިން، ށ. ޅައިމަގާއި، ލ.އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްސަތޭކަ ނުވަދިހަ ހާސް ރުފިޔާ ހުށަހަޅަންޖެހެއެވެ. އަދި ށ.ބިލެއްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ދުއިސައްތަ ދިހަ ހާސް ރުފިޔާ ބިޑް ސެކިއުރިޓީގެގޮތުގައި ދައްކަންޖެހޭއިރު، ގއ.މާމެންދޫ ބަނދަރުގެ ބޭރުތޮށި ހެދުމުގެ މަސައްކަތަށް އެއް ސަތޭކަ ސާޅިސް ހާސް ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެއެވެ.

މި މަޝްރޫޢުތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީ އުސޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ ސަތޭކަ ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

4ރަށުގެ ބަނދަރުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާއިރު، އިތުރު 3 ރަށެއްގެ ބަނދަރުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އެ މިނިސްޓްރީން ދާދިފަހުން އިޢުލާންކޮށްފައިވެއެވެ. އެ 3 ރަށަކީ ދ.ހުޅުދެލިއާއި އދ.މަންދޫއާއި، ނ.ލަންދޫއެވެ.