ޚަބަރު

މުސްލިމް ޤައުމުތަކުން އަތުގުޅާލައި މަސައްކަތް ކުރަން ވެއްޖެ


އިސްލާމްދީން ކުރީގަ އޮތް ދަރަޖައަށް ވާސިލުވުމަށް، މެދުމިނުގެ އުސޫލުތަކާއި، އެހެން މީހުންނަށް އިހުތިރާމް ކުރުމުގެ އުސޫލުތަކަށް އިތުރަށް ހަރުދަނާ ކުރުމަށް ހުރިހާ މުސްލިމު ޤައުމުތަކުން އަތުގުޅާލުމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.އޯ.އައި.ސީގެ ފޮރިން މިނިސްޓަރުންގެ 42 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ މުސްލިމުންގެ ކަރާމާތާއި އިއްޒަތް ހިމާޔަތް ކުރުމަށް ހުރިހާ މުސްލިމު ޤައުމުތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި އިސްލާމް ދީނަކީ ހަރުކަށި ފިކުރުތަކަށް ޖާގަދޭ ދީނެއް ނޫން ކަމަށާއި، މެދުމިނު ސިޔާސަތުތަކަށް ދިވެހިރާއްޖެއިންވެސް ތާއީދު ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤާނޫނާ ޚިލާފު ހަރަކާތްތައް ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށާއި، އަދި ސީރިއާ އާއި ޔަމަން އަދި ލީބިއާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހަ ޤާއިމުކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.މިނިސްޓަރގެ ވާހަކަފުޅުގައި މީގެ އިތުރުން، ރާއްޖޭގައި ޤާއިމުވެފައިވާ ޑިމޮކްރަސީގައި އެންމެ އިސްކަމެއްދޭ އެއްކަމަކީ އިސްލާމް ދީން ކަމަށާއި، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ޑިމޮކްރަސީ ބައްޓަންކޮށް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާކަންވެސް ފާހަނގަކުރެއްވިއެވެ.މިބައްދަލުވުމުގައި މުސްލިމް އުއްމަތަށް މިހާރު ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ޓެރަރިޒަމް ހުއްޓުވުމާއި ހައްދުފަހަނަ އަޅާދިއުމާއި، އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުންފަދަ މަޢުޟޫތަކަށް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވާފައިވެއެވެ.