ޚަބަރު

"ޓެކްސީގެ އަގާ ގުޅޭގޮތުން ހުށައެޅީ އެންމެ މައްސަލައެއް"


ޓެކްސީ ދަތުރުތަކަށް ނަގާ އަގާ ގުޅޭގޮތުން މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވަނީ އެންމެ ޝަކުވާއެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައެޅި ޓެކްސީ ދަތުރުގެ އައު އަގުތަކަށް ޢަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ.

މިކަމާމެދު ބައެއް ޓެކްސީ ސެންޓަރުތަކުންނާއި، ޑްރައިވަރުން ހިތްހަމަ ނުޖެހުން ފާޅުކުރި ނަމަވެސް ގިނަ ޓެކްސީ ސެންޓަރުތަކުންވަނީ މިނިސްޓްރީއިން ކަނޑައެޅި އަގުތަކަށް ދަތުރުތައް ކުރަމުން ގެންދާނެކަމަށް ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައިވާގޮތަށް، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް އަގުނަމާނަމަ 750 ރުފިޔާއިން ޖޫރި މަނާކުރާނެކަމަށެވެ. އަދި ގަވާޢިދަށް ޢަމަލުނުކުރާ ފަރާތްތަކުގެ މަޢުލޫމާތު ފުލުހުންގެ ވައިބަރ ނަންބަރަށް ފޮނުވުމަށްވެސް އަންގަވާފައިވެއެވެ. ޝަކުވާ ހުށައަޅާއިރު އުޅަނދުގެ މަޢުލޫމާތާއި ކުރި ދަތުރުގެ ތަފްސީލާއި، ފަސިންޖަރުގެ ނަމާއި އެޑްރެހާއި އައިޑީ ކާޑް ނަންބަރު، ފޮނުވުމަށް ވަނީ އަންގަވާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ މިހާތަނަށް ޓެކްސީގެ އަގާއި ގުޅޭގޮތުން ހުށައަޅާފައިވަނީ އެންމެ މައްސަލައެއް ކަމަށާއި، އެކަން މިހާރު ބަލަމުންދާކަމަށެވެ. ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއިން ގެންދަނީ ޓެކްސިތައް ޗެކް ކުރުމުގެ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ. އެގޮތުން ކަނޑައެޅި އަގުތަކަށް ދަތުރުކުރޭތޯ ބެލުމާއި، ރޯޑް ވަރތިނަސްއާއި، އަދި އުފެއްދިތާ 20އަހަރު ނުވާ އުޅަނދެއްތޯ ބެލުން މި އޮރޭޝަންގައި ކުރިއަށްދާނެއެވެ.

ޓްރާންސްޕޯޓުން އަލަށް ކަނޑައެޅި އަގުތަކަކީ މާލެއާއި ހުޅުމާލެއާއި ދެމެދު ކުރާ ދަތުރުތަކަށް 75 ރުފިޔާ، މާލެ-ހުޅުލެ އަދި ލުޅުލެ-ހުޅުމާލެ އާއި ދެމެދު ކުރާ ދަތުރުތަކަށް 60 ރުފިޔާއެވެ. އަދި ދާގީނާ އަގު ހިމެނޭހެން މާލެއާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއަށެވެ.