ޚަބަރު

އައު މަންހަޖާ ގުޅޭ ގޮތަށް 2 ސްކޫލެއް ޢިމާރާތްކުރަނީ


އައު މަންހަޖާ ގުޅޭފަދަ ގޮތަކަށް ރާއްޖޭގައި ޢިމާރާތްކުރާ އެންމެ ފުރަތަމަ 2 ސްކޫލް މާލެ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

މާލެ-ހުޅުމާލެ ހިމެނޭހެން އާމަންހަޖަށް އެންމެ އެކަށޭނެގޮތަކަށް 2 ސްކޫލް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށް ނިންމަފައިވާއިރު މިޕްރޮޖެކްޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ ސްކޫލެކެވެ. ދަރުމަވަންތަ ސްކޫލްގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖު ކުރިމަތިން އޮތް ހުސް ބިމުގައެވެ. އެޑުކޭޝަން މިނިސްޓްރީން ވިދާޅުވީ މިމަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސްކޫލްތަކުގެ ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. އަދި މިމަސައްކަތްތައް ނިންމާ ސްކޫލްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ވިދާޅުވީ މިދެސްކޫލްގެ ޢަމަލީ މަސައްކަތް ނިމިގެންދާއިރު މިއީ އާމަންހަޖަށް އެންމެ އެކަށޭނެ ގޮތަކަށް ފަރުމާކޮށްފައިވާ 2 ސްކޫލަށް ވެގެންދާނެކަމަށެވެ.

އާމަންހަޖު ތަންފީޒުކުރުމަށް މާލެ ސަރަޙައްދުގައި ހިންގުނު ސްކޫލްތަކުގެ އޮޑިޓުން ދައްކާގޮތުގައި މަންހަޖު އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް މާލެ ސަރަޙައްދަށް 10 ސްކޫލް އިތުރަށް ބޭނުންވެއެވެ. އެއީ މަންހަޖުގެ ދަށުން ކޮންމެ ސްކޫލެއްގައި ތިބެންޖެހޭނީ އަށްސަތޭކައާއި އެއްހާހާއި ދެމެދުގެ ޢަދަދަކަށް ކުދިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މިހާރު މާލޭގެ ބައެއް ސްކޫލްތަކުގައި ދެހާހަށްވުރެ ގިނަ ކުދިން ތަޢުލީލު ޙާސިލުކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.