ޚަބަރު

ކުޅުދުއްފުށީ ރޯހައުސްއެއް ފަޅާލައިގެން އަގުބޮޑެތި މުދާތަކެއް ވަގަށްނެގި މައްސަލާގައި ދެމީހަކު ހައްޔަރުކޮއްފި


ހދ. ކުޅުދުއްފުށީރޯހައުސް އިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި 2 މީހަކަު ހައްޔަރު ކޮށްފިއެވެ.

މިމީހުން ހައްޔަރު ކުރީ ކޯޓު އަމުރުގެ ދަށުންނެވެ. މިމައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ބަންދުގެ މުއްދަތަށް 12 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ "މާފަލު ހިޔާގެ" ރޯހައުސް ފަޅާލައިގެން އެތަނުގައި ހުރި އަގުބޮޑެތި މުދާތަކެއް ވަގަށް ނަގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިމުދާ ތަކަކީ އެ ރޯހައުސް ލިބުނު މީހާ އެތަނުގައި ބަހައްޓާފައިވާ ތަކެއްޗެވެ. މިއީ އަދި މީހުން ދިރިއުޅެން ނުފަށާ ހުރި ތަނެކެވެ. އެތަނުން ވަގަށް ނެގި ސާމާނުތަކުގެ ތެރޭގައި 3 އޭސީ އާއި އޮޓޯ ދޮންނަ މެޝިނަކާއި ސޯފާއަކާ އިތުުރު ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި ވަގަށް ނެގި ސާމާނު ވިއްކާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ.
އަދި އެތަނަށް ވަގު ވަދެފައިވަނީ ފުރާޅުން ޓިނު ނަގައިގެން ސީލިންގ ހަލާކު ކޮށްލައިގެން ނެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 26 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން ނެވެ.

ކުޅުދުއްފުށީ "މާފަލު ހިޔާ"ގެ ރޯހައުސްތަކުން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ ވައްކަން ކޮށް ގެއްލުންތަކެއް ދީފައިވެއެވެ.