ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން 700،000ރ ގެ ހިއްސާ އިސްލާމިކް ބޭންކުން ގަނެފި


އައްޑޫގެ ރައްޔިތުންގެ ނަމުގައި 7 ލައްކަ ރުފިޔާގެ ހިއްސާ މޯލްޑިވްސް އިސްލާމިކް ބޭންކުން، އައްޑޫ ސިޓީ ކައުންސިލް ގަނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިސްލާމިކް ބޭންކު މެދުވެރިކޮށް ގަނެފައިވަނީ 35 ރުފިޔާގެ ރޭޓުން 20،000 ހިއްސާއެވެ. މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ޞޯދިޤް ވިދާޅުވީ، މި ހިއްސާ ސިޓީ ކައުންސިލުން ގަނެފައިވަނީ، އައްޑޫ ސިޓީ ކައުންސިލުން ޤާއިމު ކޮއްފައިވާ ރައްޔިތުންގެ ޓްރަސްޓް ފަނޑުން ކަމަށެވެ. މޭޔަރ ޞޯދިޤް ވިދާޅުވީ، މިގޮތަށް ހިއްސާ ގަތުމުގެ ބޭނުމަކީ ރައްޔިތުންގެ ނަމުގައި ވިޔަފާރި އިންވެސްޓެއް ކޮށް ޓްރަސްޓް ފަންޑަށް ދިރުން ގެނައުން ކަމަށެވެ.

އަދި ކައުންސިލުން ހިއްސާ ގަންނަން ވިސްނި އިރު ކޮންމެ ރައްޔިތެއްގެ ނަމުގައި ހިއްސާ ގަންނަން ބޭނުންވި ކަން ފާހަގަ ކުރައްވާ މޭޔަރ ވިދާޅުވީ އެވަރަށް ފައިސާ ނެތުމުން ކޮންމެ ރައްޔިތެއްގެ ނަމުގައި ހިއްސާ ނުގަނެވުނީ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކަން ހުޅުވާލައިފައިވަނީ މިދިޔަ މަހުގެ 28 އިން މިއަންނަ ސެޕްޓެމްބަރ މުހުގެ 18 އިގެ ނިޔަލަށެވެ. އެބޭންކުން ކަނޑައަޅާފައި ވަނީ އެބޭންކުގެ %31 ހިއްސާ ނުވަތަ 6،975،000 ހިއްސާ ވިއްކުމަށެވެ. އިސްލާމިކް ބޭންކުން މައުލޫމާތު ދިން ގޮތުގައި ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ ފުރަތަމަ 20 ހިއްސާއެވެ. އެއަށް ވުރެން އިތުރަށް ގަންނަ ކަމަށް ވާނަމަ ފަހަރަކު 10 ހިއްސާ އިން އިތުރަށް ގަނެވިދާނެއެވެ.

އައްޑޫގައި އިސްލާމިކް އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކަން ފަށާފައި ވާއިރު، ފޭދޫ އަވަށުގައި އޭޓީއެމް އެއް ޤާއިމު ކުރުމަށް އެއްބަސް ވުމުގައި ސޮއިވެސް ވަނީ ކޮއްފައެވެ. އަދި މިމަސައްކަތް މައްސަލަ ދިމާނުވާ ކަމަށް ވަންޏާ ކުރިއަށް އޮތް ދެމަސް ދުވަސް ތެރޭގައި ނިމޭނެ ކަމަށް އިސްލާމިކް ބޭންކުގެ އައްޑޫ ގޮފިން މައުލޫމާތު ދެއެވެ.