ޚަބަރު

ހަތަރުވަނަ "މޫދު މާކަނޑުގެ ފެސްޓް" ދިގުރަށުގައި ބާއްވައިފި


ރާއްޖޭގެ ކަނޑުތަކާއި އޭގެ ދިރުންތަށް ޙިމާޔަތްކުރުމަށް "މޫދު މާކަނޑުގެ ފެސްޓް"ގެ ނަމުގައި ބާއްވާ 4 ވަނަ ފެސްޓިވަލް އދ.ދިގުރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މޫދު މާކަނޑު ފެސްޓަކީ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރއިން ރާއްޖޭގެ ކަނޑުތައް ޙިމާޔަތްކުރުމަށް ކުރިޔަށް ގެންދާ ރީޖަނެރޭޓް ޕްރޮގްރާމްގެދަށުން ކުރިޔަށް ގެންދާ ފެސްޓިވަލެކެވެ.

މޫދު މާކަނޑު ފެސްޓަކީ ކަނޑާއި ކަނޑުގައިވާ ދިރުންތައްދެނެގަނެ މިތަކެތި ރައްކާތެރިކުރުމާބެހޭ ގޮތުން ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުވުމަށް ބާއްވާ ހަރަކާތެއްކަމަށް އައި.ޔޫ.ސީ.އެންއިން މަޢުލޫމާތުދެއެވެ. މޫދު މާކަނޑު ފެސްޓް ބާއްވަމުން މިދަނީ އައި.ޔޫ.ސީ.އެންއާއި ސަރުކާރުގެ އެކި ދާއިރާތަކާއި އަމިއްލަ ޖަމްޢިއްޔާތަށް ގުޅިގެންނެވެ. މިއަހަރުގެ މޫދު މާކަނޑު ފެސްޓްގައި އދ.އަތޮޅުގެ 9 ސްކޫލެއްގެ ގްރޭޑް 8، 9 އަދި 10 އެއްގެ 230 އަށް ވުރެ ގިނަ ދަރިވަރިން ބައިވެރިވެއެވެ.

މިއަހަރުގެ މޫދު މާކަނޑު ފެސްޓްގެ ތެރެއިން ރާއްޖޭގައި ތިމާވެށި ޙިމާޔަތްކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންވަނީ ސްޓޯލްތަށް ޤައިމުކޮށް ދަރިވަރުންނާ މަޢުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމާގުޅޭ ޑޮކިއުމެންޓްރީއެއްވެސް މިފެސްޓްގެ ތެރެއިންވަނީ އަޅުވާފައެވެ. އަދި ޕެނަލް ޑިސްކަޝަންތަކާއި މުރަލް އާޓް ހެދުންފަދަ ހަރަކާތްތަށް މި ފެސްޓްގެ ތެރެއިންވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން މިފެސްޓުގައި ޤައުމީ ޔުނިވަރސިޓީން ވަނީ ބެޗެލަރސް އޮފް މެރިން ސައިންސް ކޯސްވެސް އިފްތިތާޙްކޮށްފައެވެ.

މިއަހަރުގެ ފެސްޓް އދ.ދިގުރަށުގައި ބާއްވާފައިވާއިރު މިއަހަރުގެ ފެސްޓަކީ އދ.އަތޮޅުގައި މި ފެސްޓް ބޭއްވި ފުރަތަމަ ފަހަރެވެ. އެގޮތުން މި ހަރަކާތް މީގެ ކުރިން އއ.މަތިވެރި، ރަސްދޫ، އުކުޅަހުގައި ވަނީ ބާއްވާފައެވެ.