ސިޔާސީ

ބައި އިލެކްޝަން ކާމިޔާބުވީކަމަށް ނިންމައިގެން ތިބެވޭކަށެއް ނެތް


ދިއްގަރު ދާއިރާއަށް ކުރިމަތިލާފައި ތިބި އެހެން ކެނޑިޑޭޓުންނަކީވެސް ގާބިލް ބޭފުޅުން ކަމަށާއި، އެހެން ކަމުން ގޮނޑި ޕީޕީއެމަށް ކާމިޔާބުވީ ކަމަށް ނިންމައިގެން ތިބެވެން ނެތްކަމަށް ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ޕީ.ޕީ.އެމްގެ ކެނޑިޑޭޓް ފާރިސް މައުމޫންގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްއަށް ކިތަންމެ ބޮޑު ތަރުހީބެއް އޮތްކަމުގައިވިޔަސް، ބައިލެކްޝަން ކާމިޔާބު ވީކަމަށް ނިންމައިގެން ތިބުން ބުއްދިވެރި ނޫން ކަމަށާއި، ބައި އިލެކްޝަންގައި ޕީ.ޕީ.އެމާ ވާދަކުރަން ތިބި ކެނޑިޑޭޓުންނަކީވެސް ގާބިލް ބައެއް ކަމަށެވެ.ރޭ ހުޅުވި ފާރިސްގެ ކެމްޕޭން ޖަގަހަ ހުޅުވާފައިވަނީ އާޓިފިޝަލް ބީޗާއި ދިމާއިން ބޮޑުތަކުރުފާނު މަގުގައެވެ.ކެންޑިޑޭޓް ފާރިސް މައުމޫން ދެއްކެވި ވާހަކަފުޅުގައި މީގެ ކުރިން ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ވަރަށް ދަތިކޮށް ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މި ހުޅުވުނު ޖަގަހައާއެކު ކެމްޕޭން އިތުރަށް ފުޅާވެ، ޖަގަހައަކީ ކެންޕޭންގެ މައި މަރުކަޒަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ދެއްކެވި ވާހަކަފުޅުގައި ފާރިސް މަޢުމޫނަކީ ސިޔާސީ މައިދާނަށް އާ ބޭފުޅެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވިއެވެ.މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ ފާރިސް އަކީ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ސިޔާސީ ލީޑަރެއް ކަމަށާއި، ޕީޕީއެމްގެ މެނިފެސްޓޯއަށް އެންމެ ފަރިތަ އެއް ބޭފުޅަކީ ފާރިސް މައުމޫން ކަމަށެވެ.ފާރިސްގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީ.ޕީ.އެމްގެ ގިނަ މެންބަރުންނާއި، ސަރުކާރުގެ މަތީ މަގާމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.