އަތޮޅުތައް

އޭދަފުށީ ހިއްކި ބިމުން ގިރައިގެންދިޔަ ސަރަހައްދަށް ވެލި އަޅަނީ


މިދިޔައަހަރު އޭދަފުށީ ފަޅުން ހިއްކާފައިވާ ބިމުން ގިރައިގެންގޮސްފައިވާ ސަރަހައްދަށް އަލުން ވެލިއަޅަން ފަށައިފިއެވެ.ހިއްކި ސަރަހައްދުތަކުން އެއް ހެކްޓަރަށްވުރެ ބޮޑު ބައެއް ގިރާލާފައިވާކަމަށް އޭދަފުށީ ކައުންސިލުން މިދިޔަ ހަފްތާގައި ބުނެފައިވަނިކޮށް މިހަފްތާ ވެލިއަޅަން ފަށާފައިވަނީ ބޮސްކާލިސްގެ ފަރާތުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަމުންދާ ރަށުގެ އިރުއުތުރު ފަރާތުކަންމައްޗަށެވެ.އޭދަފުށީ ކައުންސިލުން ބުނީ ވެލި ނަގަމުންދަނީ ބިންހިއްކިއިރު ރަށުގެ ހުޅަނގު ކޮޅުގައި އިތުރަށް ޖަހާފައިވާ ވެލިފުނިން ކަމުގައެވެ.އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިހާރު ވެލިއަޅާ ސަރަހައްދުން އެކަނިވެސް ގާތްގަޑަކަށް ފަންސާސް ފޫޓަށްވުރެ ބޮޑުބައެއް އެއްގަމަށް ގިރައިގެން ގޮސްފައިވާކަމަށާ، މިމައްސަލައާ ގުޅިގެން ރިވެޓްމަންޓް ޖެހުންވެސް ވަރަށްބޮޑަށް ލަސްވަމުންދާކަމުގައެވެ. އޭނާ ވިދާޅުވީ ރިވެޓްމަންޓްގެ މަސައްކަތަކަށް ސަރުކާރުން އިތުރު ސަމާލުކަމެއް ނުދެއްވާނަމަ ހުޅަނގު މޫސުމުގެ ތެރޭގައި ހިއްކިބިމުގެ ބައެއް އަނެއްކާވެސް ގިރާލާނެކަމުގައެވެ.އޭދަފުށިން ހިއްކާފައިވާ 26 ހެކްޓަރު ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް ހަވާލުކޮށްފައިވަނީ ބޮސްކާލިސް އަދި، ހޯގާޑް ކުންފުންޏާކަމަށް ކައުންސިލުން ބުނެއެވެ.ބޮސްކާލިސް އާހަވާލުކޮށްފައިވާ 800 މީޓަރު ސަރަހައްދުގެތެރެއިން 400 މީޓަރުގެ ސަރަހައްދެއްގައި މިވަގުތު ރިވެޓްމަންޓް ޖަހާ ނިމިފައިވާއިރު، ހޯގާޑް ކުންފުންޏާ ހަވާލުކޮށްފައިވާ 1300 މީޓަރުގެ މަސައްކަތް އަދި ނުފެށެއެވެ.