ތިމާވެށި

"މޫސުން އެޕްލިކޭޝަން" - މޫސުމުގެ މަޢުލޫމާތު ވަގުތުން މޯބައިލް ފޯނުން ބަލާލެވޭނެ ފަސޭހަ ގޮތެއް


މުސުމާއިި ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބޭނެހެން "މޫސުން އެޕްލިކޭޝަން"ގެ ނަމުގައި އެޕްލިކޭޝަނެއް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ތަޢާރަފްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ޚާޅާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވި އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ޙުއިން ރަޝީދު ޙަސަންއެވެ. މި އެޕްލިކޭޝަން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

"މޫސުން އެޕްލިކޭޝަން"އަކީ މޯބައިލް ފޯނުން ކޮންމެ ވަގުތަކުވެސް މޫސުމާއި ގުޅޭ މަޢުލޫމާތު ބަލާލެވޭނެހެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މޫސުމާބެހޭ އިދާރާއިން ދެމުން އަންނަ ގިނަ މޫސުމީ މަޢުލޫމާތުތައް އެންޑްރޮއިޑާއި އައި.އޯ.އެސް ފޯނުތަކުން ފަސޭހައިން ބަލާލަވޭނެއެވެ. އަދި މި އެޕްލިކޭޝަންގައި ހިމެނޭ މަޢުލޫމާތުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް ބަލާލެވޭނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތާއި، ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ލަފާކުރާގޮށްވެސް ބަލާލެވޭނެއެވެ. އަދި ރާއްޖޭގެ އެކި ސަރަަޙައްދުތަކުގައި ބެހެއްޓިފައި ހުރި ވެދަރ ރަރޑަރ ސިސްޓަމްތައް މެދުވެރިކޮށް އެވަގުތެއްގެ މޫސުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އޮންނަ ގޮވެސް ބަލާލެވޭނެއެވެ.

މި އެޕްލިކޭޝަން އިފްތިތާޙް ކޮށްދެއްވައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖެފަދަ ތިމާވެއްޓަށް ބަރޯސާވާ ޤައުމަކަށް މިއީ ވަރަށް މުހިންމު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއް ކަމަށެވެ. އަދި މިއީ ކަނޑުމަތީގައި އުޅޭ ފަރާތްތަކަށްވެސް މޫސުމީ ގެއްލުންތައް ކުޑަކުރުމަށް އެހީއަކަށްވާނެ އެޕްލިކޭޝަނަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި އެޕްލިކޭޝަަނަކީ އިޓަލީ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ 22މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

" މީގެ ސަބަބުން މެޓަށް ގުޅައިގެން މަޢުލޫމާތު ހޯދުމުގެ ބަދަލުގައި ފޯނުން ބަލާލެވޭނެ. އެހެން ޤައުމުތަކާއި އެއްގޮތަށް ޒަމާނީ ތަފްސީލީ މަޢުލޫމާތު ލިބޭނެ. މިއީ މޫސުމީ ގެއްލުން ކުޑަކުރުމަށްވެސް އެޅޭ ފިޔަވަޅެއް". މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދަޅުވީ މޫސުމީ މަޢުލޫމާތު ހޯދުމަށް އެއްކުރާ ޑޭޓާ އިތުރުކުރުމަށް ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި އޮޓަމެޓިކް ވެދަރ ސިސްޓަމްތައް ޤާއިމުކުރަމުންދާކަމަށެވެ.

މި އެޕްލިކޭޝަނަކީ މޫސުމީ ކާރިސާގެ ވަގުތުގައިވެސް އާންމުންނަށް އަންގަން ބޭނުންވާ އެންގުންތަކާއި މެސެޖުތައްވެސް ފަސޭހައިން ދެވޭ އެޕްލިކޭޝަނެކެވެ. އެގޮތުން އެލަރޓްތަކުގެ މަޢުލޫމާތާއި، މޫސުން ދައްކުވައިދޭ ރަރޑަރ އާއި ސެޓެލައިޓް ފޮޓޯތަކާއި، ބިންހެލުމުގެ މަޢުލޫމާތުވެސް ލިބޭނެއެވެ.

މީގެއިތުރުން މުސުމާއި ބެހޭ އިދާރާއިން ބޭނުންކުރާ ބަސްމަގުތައް އާއްމުންނަށް ފަސޭހައިން އިނގޭނެ ގޮތް ހެދުމާއި، އެފަދަ ބަސްތަކުގެ ތަފްސީލްތައްވެސް އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ.

އިޓަލީ ސަރުކާރުގެ އެހީގައި މެޓް އޮފީހުގެ މުއައްޒަމުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން 4 ދާއިރާއަކުން 13 މުއައްޒަފުންވަނީ ތަމްރީންކޮށްފައެވެ.