މިއަހަރުގެ ފަހުކޮޅު ޕެރިހުގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ބައްދަލުވުމަށް ރާއްޖެއިން ހުށައަޅާ ޑޮކިއުމެންޓްގައި މިދާއިރާއިން ރާއްޖެއިން ކުރުމަށް ހުށައަޅާ ކަންކަމަކީ ބަޖެޓްގެ ގޮތުން ބަލާއިރުވެސް ކުރެވޭވެރުވާނެ ކަންކަންކަމުގައި ހެއްދެވުމަށް އެންވަޔަރަމެންޓް މިނިސްޓަރ ގޮވާލައްވައިފިއެވެ.އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް މިކަމަށް ގޮވާލެއްވީ ޕެރިހުގައި ބާއްވާ ބައްދަލުވުމަށް ރާއްޖެއިން ތައްޔާރުކުރަންޖެހޭ ޑޮކިއުމެންޓާއި ބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ކަމާގުޅޭ ދާއިރާތަކާއެކު މިއަދު ފެށި މަސައްކަތު ބައްދަލުވުން އިފްތިތާހްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.މިނިސްޓަރ ވިދާޅުވީ ޕެރިހުގައި މިއަހަރު ފަހުކޮޅު ބާއްވާ ބައްދަލުވުމަށް ދާއިރު ކޮންމެ ޤައުމަކުންވެސް އެ ހުށައަޅާ ކަންކަމަކީ އެގައުމަކުން ކުރެވޭވަރުގެ ކަންކަން ކަމަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއިން ހުށައަޅާ ޑޮކިއުމެންޓްގައި ހިމަނާ ކަންކަމަކީވެސް ފައިސާގެ ގޮތުން ބަލާއިރު ކުރެވޭވަރުގެ ކަންކަންކަމަށް ވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ދުނިޔޭގެ ނިސްބަތުން ރާއްޖޭން ޖައްވަށް ވިހަގޭސް ދޫކުރަނީ ކިތަންމެ މަދުންނަމެސް ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ބާރުއަޅާ ރާއްޖޭއިން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ކުރިޔަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ސަތޭކަ ނުވަދިހަ ހަ ރަށުގައި އުފައްދާ ކަރަންޓްގެ ތިރީސް އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ބާރުއަޅާ އެކުލަވާލާފައިވާ ކިޔޯޓޯ ޕްރޮޓޮކޯލްގެ ފުރަތަމަ މަރުހަލާ ވަނީ 2012 ގައި ހަމަވެ، 2020 ގެ ނިޔަލަށް ދެވަނަ މަރުހަލާ ނުވަތަ ކޮމިޓްމަންޓް ޕީރިއަޑްއަކަށް ޤައުމުތަކުން އެއްބަސްވެފައެވެ.މިއަހަރުގެ ފަހުކޮޅު ޕެރިހުގައި ބާއްވާ ކޮޕް ޓުވެންޓީވަންގެ ބައްދަލުވުމަކީ ވިހި ވިއްސައްފަހު މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ޤައުމުތަކުން ކަންތައްތައް ދެން ކުރިޔަށްގެންދާނެ ގޮތަކާމެދު ޤައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމަށް ބާއްވާ ބައްދަލުވުމެކެވެ.