ވިޔަފާރި

މާލޭ ދަތުރުވެރިންގެ މާރުކޭޓް ރަމަޟާން މަހަށް ތަރައްގީ ކުރަނީ


މާލޭ ދަތުރުވެރިންގެ މާރުކޭޓް ރަމަޟާން މަހުގެ ކުރިން ވަގުތީގޮތުން ތަރައްގީކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެ ހޯދުމުގެ ގޮތުން ދަތުރުވެރިންގެ މާރުކޭޓް ހުސްކޮށް، އެތަނުގައި ތިބި ފަރާތްތަކަށް ލޯކަލް މާރުކޭޓު ސަރަހައްދުގައި ޓެންޓްޖަހައި، ވަގުތީގޮތުން އެފަރާތްތައް ޓެންޓުތަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިކަމަކީ ރައްޔިތުންނާއި ގުޅުން ހުރިކަމަކަށް ވުމާއެކު މިނިސްޓްރީގެ މަޤްޞަދަކީ ރަމަޞާން މަހުގެ ކުރިން ދަތުރުވެރިންގެ މާރުކޭޓަކީ ސާފުތާހިރު، އަދި ރައްޔިތުން ބަލައިގަންނަ ތަނަކަށް ހެދުންކަމަށެވެ. އެގޮތުން އެތަނުގައި ގަވާއިދާ އެއްގޮތަށް ތިބި ހުރިހާ ފަރާތްތައް ޓެންޓުތަކަށް ބަދަލުކޮށް، ދަތުރުވެރިންގެ މާރުކޭޓް ހުސްކުރުމަށްފަހު އެތަންސާފުކޮށް، ގާއަތުރާ، ފުރާޅު ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވި ގޮތުގައި ދަތުރުވެރިންގެ މާރުކޭޓް ތަރައްގީކުރުމަށް ބަންދުކުރުމުން ވަގުތީ ގޮތުން ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރެދާނެކަމަށެވެ.މީގެ އިތުރުން އެއްވެސް އެގްރިމެންޓެއް ނުހަދާ ގަވާއިދާއި ޚިލާފަށް ދަތުރުވެރިންގެ މާރުކޭޓް ބޭނުންކުރާ ފަތާތްތައްވެސް އުޅޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެތަން ތަރައްގީކޮށް ހުޅުވާލާ ފުރުސަތުގައި، އެފަރާތްތަކަށްވެސް ކުރިމަތި ލައިގެން ގޮޅި ހޯދުމުގެ ފުރުސަތު ދެވޭނެކަމަށެވެ.ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނަމުންދަނީ އެތަނުގައި ރަނގަޅުގޮތުގައި ވިޔަފާރިކުރާނެ މާހައުލެއް ޤާއިމުވެފައިނެތްކަމަށާއި، މޭވާ އަދި ތަރުކާރީ ބަހައްޓާ، އަދި އެތަކެތި ވިއްކުމަށް އެކަށޭނަ އިންތިޒާމެއް ނެތްކަމަށެވެ.ދަތުރުވެރިންގެ މާރުކޭޓް ތަރައްގީކުރުމަށްފަހު، ވީހާވެސް ގިނަ ފަރާތްތަކަށް ގޮޅި ދޫކުރުމަށް ނިންމާފައިވާކަމަށާއި، ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު އެތަނުގައި ހުސް ބިންކޮޅެއް ބޭއްވުމަށް ނިންމާފައިވާކަމަށްހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި އެ ބިން ޙާއްސަކުރެވިގެންދާނީ އަތޮޅުތަކުން ތަކެތި ގެންނަ ފަރާތްތަކަށް ވަގުތީ ގޮތުން އެތަކެތި ބެހެއްޓުމަށްފަހު ވިއްކުމަށްކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.