ޚަބަރު

ހިތަދޫގައި އަޅާފައިވާ 264 ފްލެޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަފްސީލް އާންމުކޮށްފި


އައްޑޫސިޓީ ހިތަދޫގައި އަޅާފައިވާ 264 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ލިބުނު ޕޮއިންޓުގެ ތަފްސީލް ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، ހިތަދޫގެ 264 ފްލެޓަށް 3 ކެޓަގަރީ އަކުން 577 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން ހިތަދޫގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ، ކެޓަގަރީ 'އޭ' ގެ 150 ފްލެޓަށް 446 ފަރާތަތަކުން ކުރިމަތިލާފައިވާއިރު، ކެޓަގަރީ 'ބީ' ގެ ދަށުން މަރަދޫ އާއި މަރަދޫ-ފޭދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ 30 ފްލެޓަށް އެދި 54 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް ސިޓީކައުންސިލުން ހާމަކުރެއެވެ. އަދި ކެޓަގަރީ 'ސީ' ގެ ދަށުން ފޭދޫގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 50 ފްލެޓަށް އެއަވަށުގެ 77 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށްވެސް އެ ކައުންސިލުން ހާމަކުރެއެެވެ.

އައްޑޫސިޓީ ކައުންސިލުން ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތް ހާމަ ކޮއްފައި މިވަނީ، ފްލެޓްތަކަށް ކުރިމަތިލާން ކުރީ ސަރުކާރުގެ ހައުސިންގް މިނިސްޓްރީން ހުޅުވާލިތާ ތިން އަހަރު ފަހުންނެވެ. އޭރު ސަރުކާރުން ބުނަމުން ދިޔައީ ފްލެޓްތައް ދޫނުކުރެވި ލަސްވަމުން ދަނީ ފްލެޓްތަކުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޙިދުތަމަތްތައް ފުރިހަމަ ނުކުރެވި ހުރުމުން ކަމަށެވެ.

ހިތަދޫގައި ސަރުކާރުން 264 ފްލެޓް އިމާރާތް ކޮށްފައިވާއިރު މީގެ ތެރެއިން 3 ކެޓަގަރީ އަކުން ދޫކުރުމަށް ހަމަޖެހިފައިވަނީ 230 ފްލެޓެވެ. ބާކީ 34 ފްލެޓް އެއީ ވިޔަފާރި އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ. ސިޓީ ކައުންސިލުން ފްލެޓްތައް ލިބޭ ފަރާތްތައް ރަސްމީކޮށް އަދި އިއުލާން ކޮއްފައި ނުވި ނަމަވެސް ޕޮއިންޓް ލިބުނު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހިތަދޫގެ އިތުރުން ހުޅުމީދޫގައިވެސް ސަރުކާރުން ވަނީ 48 ފްލެޓް އިމާރާތް ކޮށްފައެވެ. އެ ފްލެޓްތަކަށް ވެސް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތް ކައުންސިލުން ވަނީ އާންމުކޮށްފައެވެ. އައްޑޫސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުދޫގައި އިމާރާތް ކޮށްފައި ހުރި ފްލެޓްތަކަށް ކަރަންޓު ގުޅައި ދިނުމުގެ މަސައްކަތް ފަށާފައެވެ.