ޚަބަރު

ވިއައިއޭގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި



ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ހެދި އޭޕްރަން ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. އޭޕްރަން ހެދުމުގެ މަސައްކަތް ކުރަނީ 3 ފިޔަވައްސަށް ބަހާލައިގެންނެވެ.

އާ އޭޕްރަންއަށް އެންމެ ފުރަތަމަ ޕާކުކޮށްފައިވަނީ ބެންކޮކްއިން ރާއްޖެ އައި މޯލްޑިވިއަންގެ އޭ320ގެ މަތިންދާބޯޓެކެވެ. ބޯޓަށް މަރުޚަބާކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް އެރުވުމާއި، ބޯޓުގެ ކެޕްޓަނުންނާއި އެމްއޭސީއެލްގެ އިސް ފަރާތްތަކުންވަނީ ބައްދަލުކޮށްފައެވެ.

ވީއައިއޭގައި ފްލައިޓް ޕާކިން އޭރިއާ ހެދުމުގެ މަސައްކަތްކުރަނީ ތިން ފިޔަވައްސަކަށް ބަހަލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން މަސައްކަތް ނިންމައި ބޭނުންކުރަން ފެށި މި އޭޕްރަންއަކީ 70 ހާސް އަކަމީޓަރުގެ އޭޕްރަންއެކެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ އާ އޭޕްރަންއާއިއެކު ޖާގަ އިތުރަށް ތަނަވަސްވެ، ފްލައިޓްތައް ޕާކުކޮށްގެން މީހުން ބޭލުމާއި ބޯޓު ޕާކޮކޮށްފައި ބޭއްވުމަށްވެސް ފަސޭހަވެގެންދާނެކަމަށެވެ.

"އާ އޭޕްރަންގައި 5ވައިޑް ބޮޑީ އަދި 1 ނެރޯ ބޮޑީ މަތިންދާ ބޯޓު ބޭއްވޭނެ. ނުވަތަ 2 ވައިޑް ބޮޑީ އާއި 7 ނެރޯބޮޑީ މަތިންދާބޯޓު ބޭއްވޭނެ." ހަސަން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ 1 އަހަރާއި 3 މަސް ދުވަހުންނެވެ.

އެމްއޭސީއެލްގެ ރޭމްޕް ސަރވިސް ސީނިއަރ ޖެނެރަލް މެނޭޖަރ އަލީ ނަސީރް ވިދާޅުވީ މި މި އޭޕްރަންއަކީ ބައިންލް އަޤްވާމީ އެއަރޕޯޓްތަކުގައި ބޭނުންކުރާ ފެންވަރަށް ހަދާފައިވާ އޭޕްރަންއެއް ކަމަށެވެ. އެގޮތުން އޭޕްރަންގައި މާކްތައް ކުރަހާފައި ހުރުމާއި، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބެލިއަސް މުއައްޒަފުންނަށް ބޮޑު ލުޔެއް ލިބޭނެކަން ނަސީރު ފާހަގަކުރެއްވިއެވެ.

"ކުރިން ނުހުންނާނެ މާކްކޮށްފައެއް. މިހާރު މާކްތައް ޖަހައި މުއައްޒަފުން ތިބޭނެ ތަންތަނާއި، އިކުއިޕްމަންްޓް ބަހައްޓާނެ ތަންތަނާއި، ފަލައިޓް އޭޕްރަންއަށް ވަންނަންވީ ގޮތްތައް ވަނީ ފާހަގަކޮށްފައި." އަލީ ނަސީރު ވިދާޅުވިއެވެ.

އަލީ ނަސީރް ވިދާޅުވީ ފްލައިޓްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މިހާރު ބޯޓްތަކާއި ގާތްކުރާ ބައެއް އެއްގަމު އުޅަނދު ފަހަރުތައް ދެން ފްލައިޓްތަކާއި ގާތް ނުކުރާނެކެމަށެވެ. މިގޮތުން ފްލައިޓްތަކަށް ތެޔޮ އެޅުމަށް އާ އޭޕްރަންގައި ފިއުލް ބައުޒަރާއި ނުލާއި، ފިއުލް ހައިޑްރަންޓް ނެޓްވޯކް އަޅައިގެން ބޯޓަށް ހޮޅިއެއް ބޭނުންކޮށްގެން ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި މިގޮތަށް ތެޔޮ އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިންވަނީ އޭޕްރަން ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ފަށާފައެވެ. 62 އަކަމީޓަރުގެ މި އޭޕްރަންގެ މަސައްކަތް 7 މަސް ތެރޭގައި ނިންމާނެކަމަށް އެ ކުންފުނިން ބުނެފައެވެ. އެއަރޕޯޓްގައި މިހާރު ބޭނުންކުރަނީ 86 އަކަމީޓަރުގެ އޭޕްރަންއެކެވެ.
އޭޕްރަން ހެދުމުގެ 3 ފިޔަވަހީގެ މަސައްކަތް ނިމުމުން ޖުމްލަ 2ލައްކަ 12ހާސް އަކަ މީޓަރުގެ ޖާގަ ހުންނާނެއެވެ.