ސިޔާސީ

ރޯދަ އެލަވަންސް ހަމަހަމަ ކުރުމުގެ އިސްލާހު މަޖިލީހަށް ފޮނުވައިފި


ރޯދަ އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް އެންމެ މަދުވެގެން 3000 ރުފިޔާ ދިނުމަށް ނިންމާ، ވަޒީފާއާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލިސް ހުޅުވޭތާ ދެދުވަހުގެ ތެރޭގައި ފާސްކޮށް ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވޭވަރުވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިދާޅުވެއްޖެއެވެ.ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ އިސްލާހު މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެއެވެ. އެއިސްލާހު ހުށައެޅުއްވީ ރ. ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީއެވެ.ޕަބްލިކް ސާވިސް މީޑިއާ ޕީއެސް އެމަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ، ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހުޅުވޭއިރު، އެދުވަހުގެ ޖަލްސާއަށް އެއިސްލާހު ހުށައަޅާ، އިޖްތިމާއީ ކޮމިޓީއަށް އިތުރަށް ދިރާސާކުރަން ފޮނުވޭނެކަމަށް އުއްމީދުކުރެވޭކަމަށެވެ.ނިހާން ވިދާޅުވީ، ރޯދަ އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށް ރައީސް ޔާމިން އިސްނަންގަވާ އެގޮތަށް ހަމަޖައްސާފައިވަނީ މީގެ 21 ދުވަސްކުރިންކަމަށާއި، ނަމަވެސް މި އިސްލާހު ގެނައުން ލަސްވީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރަކާއި ދިމާވުމުންކަމަށެވެ.ނިހާން ވިދާޅުވީ، ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއް އުސޫލަކުން މަދުވެގެން 3000 ރުފިޔާ ދިނުމަށް ހުށަހެޅުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އެހެންނަމަވެސް އެކަމުގައި ގޮތެއް ކަނޑައެޅުމުގެކުރިން ޕްރައިވެޓް ސެކްޓަރގެ ފަރާތްތަކާއި ކޮމިޓީ މަރުހަލާގައި މަޝްވަރާކުރެވޭނެކަމަށް ވިދާޅުވިއެވެ.މި އިސްލާހު މަޖިލީހަށް ހުށައެޅުއްވި ދުވާފަރު ދައިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވީ، ހަމަހަމަ އުސޫލަކުން ރޯދަ އެލަވަންސް ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމް މަސައްކަތްތެރިއަކަށް ދިނުމަކީ ރައްޔިތުންނަށް އޭގެ އެންމެ ފައިދާ ކުރާނެ ގޮތްކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި ކޮންމެ ކަމަކަށް ޕީޕީއެމް ޕީޖީ ގްރޫޕުން އިސްނަގައިގެން މަސައްކަތްކުރާނެކަމަށެވެ.މިހާރު އަމަލުކުރަމުންދާ ވަޒީފާއާއި ބެހޭ ގާނޫނުގައި ބުނެފައިވަނީ، ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި މުސާރައިގެ ތިން ބައިކުޅަ އެއް ބައި ދޭންޖެހޭކަމަށެވެ. އެގޮތުން އެކިމީހުންނަށް ލިބެނީ އެކިވަރަށެވެ.ދެހާހަށްވުރެ މަދުން މުސާރަ ލިބޭ މީހުންނަށް ރޯދަ މަހުގެ އެލަވަންސަށް ދެހާސް ރުފިޔާ ދޭންޖެހޭއިރު، މުސާރައިގެ ތިން ބައިކުޅަ އެއްބައި ދިހަ ހާސް ރުފިޔާއަށްވުރެ ބޮޑުނަމަ، ރޯދަ އެލެވެންސްގެ ގޮތުގައި ދިހަ ހާސް ރުފިޔާ ދޭންޖެހެއެވެ.