ސިޔާސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އަށް އިތުރުކުރަން ކޮމިޓީން ފާސްކޮށްފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނަށް އިތުރުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ހުށައެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ 5 ފަނޑިޔާރުންނެވެ. ނަމަވެސް އެ ޢަދަދު އިހުއޮތްގޮތަށް 7 ފަނޑިޔާރުންނަށް އިޔާދަކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިޞްލާޙު ޖުޑީޝަރީ ކޮމިޓީން ފާސްކުރިއިރު އެ އިޞްލާހަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ. ނަމަވެސް ދެ ފަނޑިޔާރުން އިތުރުވުމުން އެކަމަށް އިތުރު ޚަރަދެއް ހިނގާނެތީ އެކަމާއި ގުޅޭގޮތުން ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދާފައެވެ.

ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވަނީ އިތުރުވާ ދެ ފަނޑިޔާރުންނަށް ހިނގާނެ ޚަރަދުގެ ތަފްސީލް ހިމަނުއްވާފައެވެ. އޭގެތެރޭގައ ފަނޑިޔާރުންގެ ގޭގެ ޚަރަދާއި، އޮފީސް ޚަރަދާއި، އިދާރީ ޚަރަދުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ސޯފާއާއި ކާރު ގަތުމުގެ ޚަރަދުތައްވެސް ހިމަނާފައިވެއެވެ.

އެ ޚަރަދުތަކުގެ ތަފްސީލާއެކު ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވަނީ ސުޕްރީމް ކޯޓްގެ ފަނޑީޔާރުންގެ ގޭގެ ޚަރަދާއި އެނޫންވެސް ބައެއް ޚަރަދުތަކަކީ ދައުލަތަށް ބުރަ ބޮޑުވާނެކަމެއްކަމަށް ޤަބޫލުކުރެވޭކަމަށެވެ. ސަޢުދުވަނީ ފަނޑިޔާރުންނަށް ހިނގާނެ ޚަރަދުތަކަކީ އާދަޔާ ޚިލާފް ބޮޑު ޚަރަދުތަކެއްކަންވެސް ފާހަގަކުރައްވާފައެވެ. ނަމަވެސް ޝަރުޢީ ނިޒާމް އިސްލާޙުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށްވާތީ ސަޢުދުވަނީ ކޯޓްތަކާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހު އިތުރު ބަދަލެއް ނުގެނެސް ފާސްކުރުމަށް ހުށައަޅާފައެވެ.

"ކުރިންވެސް 7 ފަނޑިޔާރުން ތިބިތަނެއްގައި 7 ފަނޑިޔާރުން ތިބުމަށް އިތުރަށް އިންތިޒާމް ހަމަޖައްސަންޖެހޭނެކަމަށް ޤަބޫލެއް ނުކުރެވޭ. ނަމަވެސް އަދުލް އިންސާފް ޤާއިމްކުރުން ލަސްކުރަން ނުފެންނާތީ މި އިޞްލާޙު އޮތްގޮތަށް ފާސްކުރުމަށް ހުށައަޅަން" ސައުދު ވިދާޅުވިއެވެ.

ސަޢުދުގެ ހުށައެޅުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ތާޢީދުކުރައްވާފައެވެ. ސިރާޖުގެ ކަންބޮޑުވުމަކަށްވެސް ވީ އިތުރުވާ ދެ ފަނޑިޔާރުންނަށް ސޯފާއާއި ކާރު ގަތުމަށް ޚަރަދުވާނެކަމަށް ހިމަނާފައިވާތީއެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ޚަރަދެއްކަމަށް ނުދެކޭކަމަށް ވިދާޅުވެފައި ވީނަމަވެސް ސަރުކާރުން ހުށައަޅާފައިވާ އިޞްލާހަށް ސިރާޖުވެސް ވަނީ ތާޢީދުކުރާކަން ހާމަކުރައްވާފައެވެ.

"ކުރިން ހަތް ފަނޑިޔާރުން ތިބިތަނެއްގައި ސޯފާއާއި ކުރިން ބޭނުންކުރި ކާރު އަލުން ގަންނަންޖެހޭކަމަށް ޤަބޫލެއް ނުކުރަން. އަޅުގަނޑުވެސް ވިލިނގިލީ ދާއިރާގެ މެންބަރު ހުށައެޅި ހުށައެޅުމަށް ތާޢީދުކުރަން." ސިރާޖު ވިދާޅުވިއެވެ.

ނަމަވެސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ވިސްނުން ތަފާތެވެ. ޙަސަން ލަޠީފް ވިދާޅުވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 7 އިން ފަހަކަށް ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުކަމަށެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއް ވެފައިވާތީ ސޯފާއާއި ކާރު ބޭނުންނުކުރެވޭ ހާލަތުގައި ހުރުން އެކަށީގެންވާކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ފިނޭންސް މިނިސްޓްރީން ވަރަށް ބަލާފަ މި ޚަރަދުތައް ފޮނުވާނީ. މި ހުށައަޅާފައިވާ ޚަރަދުތަކަކީ އެއް އަހަރުދުވަހަށް ބޮޑު ޚަރަދުތަކެއްކަމަށް ޤަބޫލެއް ނުކުރަން. 2 ފަނޑިޔާރުން އިތުވީމަ ޚަރަދު ބޮޑުވާނެ. އެހެންވީމަ އެތަނުގައި މަސައްކަތްކުރާގޮތަށް ބަދަލުތަކެއް ގެނެސް ޚަރަދުކުޑަކުރެވިދާނެ. މިހާރު މަސައްކަތްކުރަނީ ވަކިވަކި އޮފީސްތަކެއްގެ ގޮތުގައި. ކޮންމެ ފަނޑިޔާރަކަށް އެޑްމިނިސްޓްރޭޝަން އާއި އެފަދަ ކަންކަން ހަމަޖައްސަންޖެހޭނެ." ހަސަން ލަޠީފް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް އިތުރުކުރާ ދެ ފަނޑިޔާރުންގެ ޚަރަދަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ނުވާނެކަމަށް ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފާގެ މަތިން ކޮމިޓީން ވަނީ އިޞްލާހު ފާސްކޮށްފައެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރ 2008 ގައެވެ. އޭރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަނުކުރެއްވީ 5 ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސަޢީދުއެވެ.

ނަމަވެސް 2010 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް، އަލުން ފަނޑިޔާރުން އައްޔަންކުރެއްވިއެވެ. އެފަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަހުމަދު ފާއިޒް ހުސައިންނެވެ.

އޭގެފަހުން އަނެއްކާވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޤާނޫނު އިސްލާހުކުރިއެވެ. އެފަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް ކުޑަކުރުމުން، މަޤާމު ގެއްލުނީ އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުޢުތަސިމް އަދުނާންއެވެ. އަދި 2014 ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަނެއްކާވެސް އަބްދުﷲ ސަޢީދު އައްޔަނުކުރެއްވިއެވެ.

ނަމަވެސް ޖީނާޢީ ކުށެއްގެ ސާބިތުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރަަކަށް ހުންނެވި އަބްދުﷲ ސަޢީދު ފަނޑިޔާރުކަމުން ވަކިކޮށް، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މިހާރު އެމަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުއެވެ.