ދިއްދޫގައި އަޅާފައިހުރި ހައުސިންގ ޔުނިޓުތައް ހަވާލު ނުކުރެވިހުއްޓާ ދުވަސްވެ ފުރާޅާއި ސީލިންގ ބަދަލުކުރަން ޖެހިއްޖެއެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ ފްލެޓްތަކުގެ ފުރާޅުތަކުގެ ޓިނު ފޫގޮސް، ބައެއް ފްލެޓްތަކުގެ ސީލިންތަކަށްވެސް ގެއްލުން ލިބިފައިވާކަމަށެވެ. ދިއްދޫގައި ކުރީ ސަރުކާރުން އަޅާފައިވާ 250 ހައުސިންގ ޔުނިޓްގެ ފުރާޅާއި ސީލިންގ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީއިންވަނީ އިޢުލާންކޮށްފައެވެ.
ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ ދިއްދޫ ހައުސިންގ ޔުނިޓްތައް ހަވާލުކުރުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ގެތަކުގެ ސިވިލް މަސައްކަތްތައް ނިމިފައިވީ ނަމަވެސް، ފެނާއި ނަރުދަމާއާއި، ކަރަންޓު ދިނުމުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާފައި ނުވާކަމަށެވެ. މި މަސައްކަތްތައް ފަށައި، ގެތަކަށް ބޭނުންވާ މަރާމާތުތައް އޮގްސްޓް މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
މީގެތެރެއިން ބައެއް ހައުސިންގ ޔުނިޓްތަކަށް ކުރިން ހަވާލުކުރި ބުރުގައި، ފްލެޓް ލިބުނު ފަރާތްތަކުން ވަނީ ބަދަލުވެފައެވެ. ނަމަވެސް ގިނަ މީހުން ބަދަލުވެފައިވަނީ އަމިއްލަ އަތުން ޚަރަދުކޮށްގެން ފްލެޓްތަކުގައި ނުނިމިހުރި މަސައްކަތްތައް ކޮށްގެންނެވެ. ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ އަތުން ޚަރަދުވި ފައިސާ ހޯދައިދިނުމަށް ދިއްދޫ ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ.
ދިއްދޫގައި ހައުސިންގ ޔުނިޓްތައް އަޅާފައިވަނީ އެރަށުގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ އަލަށް މީހުން އާބާދުވާ ސަރަޙައްދެކެވެ. އެސަރަޙައްދުގައި އަލިކަމެއް ނެތުމުގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިކަން ޙައްލުކުރުމަށް މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްވެސް ހައުސިންގ މިނިސްޓްރީއިންވަނީ ފެނަކައާއި ހަވާލުކޮށް، މަސައްކަތް ފަށާފައެވެ.
ދިއްދުއިން ދޫނުކޮށް ހުރި ހައުސިންގް ޔުނިޓްތަކަށް ފެނަކަ މެދުވެރިކޮށް މީހުން ނަގައި، މިދިޔަ ސަރުކާރުގައިވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓް އިޢުލާންކޮށްފައެވެ. ނަމަވެސް މި ލިސްޓަކީ އެންމެ ސައްޙަ ލިސްޓެއްކަމަށް ނުބެލެވޭތީ، އަލުން މިކަން ބަލައި ލިސްޓް ރިވިއުކޮށް ފައިނަލް ކުރުމަށް މިހާރުވަނީ މިނިސްޓްރީއިން ދިއްދޫ ކައުންސިލާއި ހަވާލުކޮށްފައެވެ.
މި ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމައި، ފްލެޓްތަކުގެ ޙައްގުވެރި ފަރާތްތަކުގެ ލިސްޓް އެކުލަވާލައި، އަންނަ އޮގަސްޓްމަހު އާއްމުންނަށް އެތަންތަނުގައި އުޅެވޭވަރު ކުރުމަށް ހައުސިންގ މިނިސްޓްރީއިން ދަނީ މަސައްކަތް ކުރަމުންނެވެ.