ވިޔަފާރި

އިސްލާމިކް ބޭންކާއި ސަން ފްރޮންޓުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި


އިސްލާމިކް ބޭންކުން، ސަން ފްރޮންޓާއި ގުޅިގެން ރަމަޟާން މަހާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.މި ޕްރޮމޯޝަންގެ ދަށުން އިސްލާމިކް ފައިނޭންސް އުސޫލުން ސަން ޕްރޮންޓުން ވިއްކާ ފަރުނީޗަރު ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެއްލައްކަ ފަންސާސް ހާސް ރުފިޔާއާއި ހަމައަށް ފަރުނިޗާރު ގަނެވޭ އިރު، މިއީ ދިގު މުއްދަތަކަށް ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.މި ޕްރޮމޯޝަން މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އިސްލާމިކް ބޭންކާއި އެކު އެއްބަސްވުން ހަދާފައިވާ އިދާރާތަކާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.ސަން ފްރަންޓްގެ އިތުރުން އިތުރު ކުންފުނިތަކާއި ގުޅިގެންވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. އެގޮތުން ފަރުނީޗަރުގެ އިތުރުން ގޭތެރެއަށް ބޭނުންވާ މުދަލާއި، އެލެކްޓްރޯނިކް ބާވަތްތަކާއި، އިމަރާތް ކުރުމަށް ބޭނުންވާ ތަކެތިވެސް ޕްރޮމޯޝަންގެ ދަށުން ލިބޭގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް ބޭންކުން މައުލުމާތުދެއެވެ.އިސްލާމި ބޭންކުގެ މި ޕްރޮމޯޝަންގައި ފައިސާ ދައްކާ ޚަލާސް ކުރެވޭނެ އެންމެ ދިގު މުއްދަތަކީ ތިރީސް މަސް ދުވަހެވެ.