ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދޫ އިންޖީނުގެއާއި ކުނިގޮނޑާއި އައިސް ޕްލާންޓް ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިނަދޫ އިންޖީނުގެއާއި ކުނިގޮނޑާއި މިފްކޯއިން އެރަށުގައި ހިންގާ އައިސް ޕްލާންޓް ބައްލަވާ ލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެތަންތަނުގެ ހާލަތު ބައްލަވައިލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފޅުގައި ވަނީ އެރަށުގެ ކުރީގެ ރަށު ކައުންސިލްގެ މެންބަރު ސަޢުދު ޢަލީ ރަށުގައި ގަސްއިންދުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ތިނަދޫ ހުޅަނގުފަރާތުގައި ރުކެއް އިންދަވައި ދެއްވާފައެވެ.
ތިނަދޫ ފެހިކުރުމާއި ރަށުގެ ހޫނު މަޑުކުރުމާއި ރަށުގެ ފުއްޓަރު ފަރާތުގައި ދިރިއުޅޭ މީހުންގެ ގެތަކަށް ކުރާ ލޮނުގެ އަސަރު ކުޑަކުރުމުގެ މަޤުޞަދުގައި ސަޢުދު ޢަލީ އަމިއްލައަށް އިސްނަންގަވައިގެން ހިންގަވާ މި ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ފުރުޞަތު ދެއްވުމުގައި އިސްކަން ދެއްވަނީ ކުޑަކުދިންނާއި މައިން ބަފައިންނާއި ރަށަށް ޒިޔާރަށް ކުރައްވާ ޢިއްޒަތްތެރިންނަށެވެ.
އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ މާލެ ވަޑައިގެންފައެވެ.
ތިނަދޫގައި ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ މި ސިލްސިލާގެ 3 ވަނަ ބައްދަލުވުމުވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިކަމުން ލިބޭ ނަފާ އިތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޙިއްޞާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.