ސިއްހަތު

ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަޞީލަތްތައް ޤާއިމުކޮށްދޭނަން - ރައީސް


ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަޞީލަތްތައް ޤާއިމުކޮށް އެ ހޮސްޕިޓަލް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖަޒީރާ ހޮޅުއަށީގެ ތިންވަނަ ބައްދުލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޞާލިޙު ވަނީ އެރަށުގައި ހުންނަ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެ ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވާފައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި އެތަނުގެ ވެރިންނާއި، ބައެއް މުވައްޒަފުންނާއި ބައްދަލު ކުރައްވައި ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ޚިދުމަތް ދިނުމުގައި ހުރި މައްސަލަތަކާއި ކުރިމަތިވާ ގޮންޖެހުންތައް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި ވަނީ އެވަގުތު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ގެންދިޔަ ބައެއް އާންމުންނާއިވެސް ބައްދަލު ކުރައްވައި ޙާލުއަހުވާލު ބައްލަވައި ކަންކަން އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ވެރިންނާއި ބައެއް މުވައްޒަފުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ހޮސްޕިޓަލުގެ މިހާރުގެ ޙާލަތާއި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހޮސްޕިޓަލުގެ ވަޞީލަތްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މައުލޫމާތު ޙިއްޞާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލުގެ ޙާލަތު ވަރަށް ގާތުން އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށާއި މިހާރުން މިހާރަށްވެސް ހޮސްޕިޓަލުގެ ގިނަކަންތައްތަކެއް ރަނގަޅު ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަން އިސްލާހުކޮށް ހޮސްޕިޓަލުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަޞީލަތްތައް ޤާއިމުކޮށް ތަރައްޤީ ކުރުމަށް ވަރަށް އިސްކަމެއް ދެއްވައިގެން މަސްއްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ނިންމަވާފައިވާ ރާއްޖޭގެ ފަސް ހޮސްޕިޓަލުގެ ތެރޭގައި ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެވޭއިރު އިންސާނީ ވަޞީލަތްތަކާއި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް އިތުރުކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި މިހާރުހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ހޮސްޕިޓަލުގެ ވެރިން ވަނީ ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް ނެތުމާއި ފެންވަރު ރަނގަޅު ޑޮކްޓަރުން ނެތުމުގެ މައްސަލައާއި ބައެއް ކަހަލަ ވަޞީލަތްތައް ނެތުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ފާހަގަ ކުރައްވާފައެވެ.