އަތޮޅުތައް

ޖަޒީރާ ހޮޅުއަށީގައި ބައިވެރިވުމަށް ރައީސާއި ނާއިބު ރައީސް ތިނަދުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް ވަޑައިގެންފިއެވެ.

ރައީސް ޞާލިޙާއި، ނާއިބު ރައީސް ފައިޞަލް ތިނަދޫއަށް ވަޑައިގަތުމުގެ އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޚަބާއެއް ކިޔާފައެވެ. ރައީސްއާއި ނާއިބު ރައީސްގެ މި ދަތުރުފުޅަކީ ތިނަދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެވަޑައިގަތުމަށްޓަކާ ކުރައްވާ ދަތުރުފުޅެކެވެ. މިރޭ 20:30 ގައި ބޭއްވާ ޖަޒީރާ ހޮޅުއަށީގެ ތިންވަނަ ސިލްސިލާ ބައްދަލުވުން ޙާއްސަކޮށްފައިވަނީ މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުންނެވެ. މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި މަސްވެރިންގެ އަޑުއަހާ، މަސްވެރިންގެ ބޭނުންތަކާއި އެއްގޮތަށް އެ ސިނާޢަތް ކުރިއެރުވުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސަރުކާރުގެ ތަޞައްވުރާއި ވިސްނުން ހުރިގޮތް މި ބައްދަލުވުމުގައި ހިއްސާކުރެވިގެންދާނެއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމާއި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވާރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙާއި، ނާއިބު ރައީސް ފައިޞަލް ނަސީމް ވަނީ ތިނަދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވާ، ތިނަދޫގެ ތަރައްޤީއަށް މިވަގުތު ކުރެވޭ މުހިއްމު މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި ރަރަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާ ގުޅޭގޮތުން ކައުންސިލާއި އާއްމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވަވާފައެވެ.

ރައީސްއާއި ނާއިބު ރައީސްގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މިނިސްޓަރުންނާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޖަޒީރާ ހޮޅުއަށްޓަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ތަފާތު މައްސަލަތަކާއި، ތަފާތު ސިނާޢަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ. އެގޮތުން މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާފައިވާއިރު، ދެވަނަ ބައްދަލުވުން އަމާޒުކޮށްފައިވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ޙަރުދަނާކުރުމާއި ގުޅޭގޮތުންނެވެ.