ޚަބަރު

އަރި އަތޮޅު ދެކުނު ބުރީގެ ސަރަޙައްދެއް "ސައުތުއަރި މެރިންޕާކް ސަރަހައްދު"ގެ ގޮތުގައި ކަނޑައަޅައިފި


އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދު, "ސައުތުއަރި މެރިންޕާކް ސަރަހައްދު"ގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މި ސަރަހައްދު ސައުތުއަރި މެރިންޕާކް ސަރަޙައްދުގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހިރާޢްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުންނެވެ. ހިމާޔަތް ކޮށްފައިވާ މި ސަރަޙާއްދު ބެލެހެއްޓުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މެރިން ރޭންޖަރސްއާ ހަވާލުކޮށްފައިވަނީ އިއްޔެ އދ.މާމިގިލީގައި އޮތް ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ޙަސަންއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރ ވަނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވުމުގައި ޢަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވުމަށާއި އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި އެ ސަރަހައްދުގައި އެކި އުޅަނދުތައް ބޭނުންކުރެވޭނީ ރަޖިސްޓްރީކޮށްގެންކަމުން، އެ ސަރަހައްދަށް ވަންނަ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ވީހާވެސް ގިނަ ފަރާތްތަކަށް ބާރުއެޅުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ މިފަދަ މުހިއްމު ސަރަހައްދުތައް ފާހަގަކޮށް، އެސަރަހައްދުތަކަކީ ހިމާޔަތްކުރެވޭ ސަރަހައްދުތައް ކަމުގައި ހަދާ، އަދި މިހާރު ހިމާޔަތްކޮށްފައިވާ 61 ސަރަހައްދަކީ ރަގަޅަށް މެނޭޖްކުރެވޭނެ ސަރަހައްދުތަކަކަށް ހެދުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސައުތުއަރި މެރިންޕާކް" ސަރަހައްދުގެ ގޮތުގައި ކަނޑައެޅި ސަރަޙައްދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަހައްދެކެވެ. މިސަރަހައްދުގެ އެންމެ ޚާއްޞަ ސިފައަކީ މުޅި އަހަރުގެ ތެރޭގައި ވެސް މިސަރަހައްދުން ފެހުރިހި ފެންނަކަމެވެ. އަދި މިސަރަހައްދުގެ ފަރުގެ މުއްސަނދިކަމާއި، ފަރުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުގެ ސަބަބުން، މިސަރަހައްދަކީ ފާހަގަކުރެވޭ ތަނެކެވެ. މިސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބާއި މަޑިއާއި މިޔަރުގެ ބާވަތްތައް ހިމެނެއެވެ.