ކުޅިވަރު

ސާބިޔާގައި 6 މަސް، ރާއްޖޭގައި 6 އަހަރުން ވޮލީއަށް ކުޅުންތެރިޔާ ވައްދަންޖެހޭ - ސާޖިދު


ގައުމީ ވޮލީ ޓީމް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް މިހަރުދަނީ ސާބިޔާގައި ކޭމްޕް ކުރަމުންނެވެ. މިއީ ރާއްޖޭގެ ޓީމެއް ޔޫރަޕްގައި ކޭންޕް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ސާބިޔާއަކީ ވޮލީއަށްބަލާއިރު ޔޫރަޕްގައި ވަރުގަދަ ބާރެކެވެ. ދުނިޔޭގެ ރޭންކިންގައި ސާބިޔާ މިވަގުތު އޮތީ 10 ވަނަގައެވެ. މި ކުޑަކުޑަ ދިވެހި ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 65 ވަނާގައެވެ.

މިއީ ރާއްޖޭގެ ވޮލީ ޓީމަށް ކުރެވުނު މުޅިން އާ ތަޖްރިބާއެކެވެ. ޔޫރަފްގެ ވޮލީގެ ވައްޓަފާޅި ކައިރިން ބަލާލުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. މީގެ ކުރިން ރާއްޖޭގެ ޓީމްތަށް މައިގަނޑު ގޮތެއްގައި ކޭމްޕް ކުރަމުން އައިސްފައިވަނީ އޭޝިޔާގެ ގައުމްތަކުގައި، އެންމެ ގިނައިން ކޭމްޕް ކުރަމުން އައިސްފައިވަނީ ތައިލެންޑްގައެވެ.

ކޯޗް މުހައްމަދު ސާޖިދު ބުނީ މިއީ މުޅިން އާ ތަޖްރިބާއެއްކަމަށާއި ކުރިން ނޭނގޭ ކިތަންމެ ކަމެއް މިދަތުރުގެ ސަބަބުން އެނގިގެން ހިނގައްޖެކަމަށެވެ. ކުރިން ތައިލެންޑްގައި ކޭމްޕް ކުރާއިރު، މިސްޓޭކަތައް ކިޔައިދޭނެ މީހެއް ނުހުންނަކަމަށާއި ރާއްޖޭގެ ޓީމްތައް ތައިލެންޑްގައި މެޗްތައް ކުޅެފައި ހަމަ އަންނަނީކަމަށެވެ. ރާއްޖޭގެ ކޯޗުންނަށް ރާއްޖޭގެ ކުޅުންތެރިންގެ މައްސަލަތައް ކިޔައިދޭނެ މީހެއް ނުހުރެއެވެ. ކޯޗް ސާޖިދު ބުނީ މިއީ ކޯޗިން ކެރިއަރުގައި ލިބުނު ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ. މުޅިން އާ ތަޖްރިބާއެއްކަމަށެވެ.

ސާޖިދުބުނީ ތަމްރީންތަކުގައި ސާބިޔާގެ ކޯޗެއް ޓީމަށް އެހީތެރިވާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިކަމަށެވެ. ނަމަވެސް ގޯލްޑް މެޑަލް ހޯދާފައިވާ ކޯޗެއް ޓީމަށް އެހީތެރިވުމަކީ ބޮޑު ސަޕްރައިޒެއްކަމަށެވެ.

ރާއްޖޭގެ ޓީމަށް އެހީތެރިވަނީ ސާބިޔާގެ ޑިރެކްޓަރ އޮފް ނެޝަނަލް ޓީމްސް ޑރ. ބޯޑްގަން ސްޓެނޮވިޗްއެވެ. ސްޓެނޮވިޗަކީ މިހާރު ސާބިއަން ވޮލީ ބޯލް ފެޑެރޭޝަންގެ ހުރިހާ ގައުމީ ޓީމްތަކާއި ކުޅުންތެރިން ބިނާކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތެވެ. ވޮލީ ކުޅުނުއިރުވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސްޓެނޮވިޗްވަނީ ކޯޗިން ކެރިއަރުގައި 2011 ވަނަ އަހަރު ސިންޑްނީ އޮލިމްޕިކްސްގައި ސާބިޔާގެ ވޮލީ ޓީމްއާއެކު ގޯލްޑް މެޑަލް ހޯދާފައެވެ.

ގައުމީ ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދު ބުނީ ސާބިޔާގެ މިކޭމްޕަކީ ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުންނަށްވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާ ކޭމްޕެއްކަމަށެވެ. ރާއްޖޭގެ ކަންތައްތަްއ ހުންނަ ގޮތުން ގައުމީ ޓީމށް ކުޅުންތެރިޔާ އަންނައިރުވެސް ބޭސިކް ވަރަށް ގިނަ ކަންތައްތައް ނޭނގޭކަމަށެވެ. ޔޫރަފްގައި މިކަން ކުރާގޮތަށް ރާއްޖެއިންވެސް އެބަ ބަލަންޖެހޭކަމަށާއި ސާބިޔާގައި ކަންތައްތައް ކުރާ ގޮތަށް ނުކުރެވުނު ކަމުގައިވީނަމަވެސް، ރާއްޖޭގެ ވޮލީ އެހެން ލެވެލްއަކަށް ގެންދަން ބޭނުންވާކަމަށްވާނަމަ، ވައިޑީޕީ ޕްރޮގްރާމްތައް މިހާރުން މިހާރަށް ފަށަން ޖެހޭކަމަށް ސާޖިދު ފާހަގަކުރިއެވެ.

ކުރިން ރާއްޖޭގައިވެސް ވައިޑީޕީ ޕްރޮގްރާމްތަށް ހިންގި، ނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ އެޕްރޮގްރާތައ ވަނީ ހުއްޓާލާފައެވެ. މިއަދު އެފަރާތްތަކުން މިކަމުގެ ޒިންމާ ނަގަންޖެހޭކަމަށްވެސް ކޯޗް ސާޖިދުވަނީ ފާހަގަކޮށްފައެވެ.

"ސާބިޔާގައި ވޮލީ ކުޅޭ ކުއްޖާ ހޯދަން މަސައްކަތް ކުރަނީ އަޅުގަނޑުމެން މީގެ ކުރިންވެސް ގަބޫލް ނުކުރާ އުމުރުގަ. ކުއްޖާގެ އުމުރުން 6 މަހުގައި ކުއްޖާ އެބަ ބަލަންފަށާ. އެކުއްޖާގެ ފައިތިލަ އާއި ހިސާބުން ބަލަންފަށަނީ. ފައިތިލަ ބޮޑުވާ ވަރު މިމީހުން ބަލަނީ. ދެން ކުއްޖާގެ މަންމަ އާއި ބައްޕަ އަދި ދެ ފަރާތުގެ އާއިލާގެ މީހުންގެ ދިގުމިން ބަލަނީ. ސައިންސްއާއި މެޑިކަލްގެ ގޮތުން ބެލުންތަށް ބެލުމަށްފަހު ކުއްޖާ 6 ފޫޓް 7 އިންޗިއަށް ވުރެއް ދިގުނުވާކަމަށް ވާނަމަ، ދެން ކުއްޖާ ދޫކޮށްލަނީ. އެންމެ ކުޑަމިނުން ވޮލީ ކުޅުންތެރިއެއްގެ އިސްކޮޅު ހުންނަންޖެހެނީ 6 ފޫޓް 7 އިންޗިކަމަށް ގޯލްޑް މެޑަލް ކޯޗް ބުނި." ސާޖިދު ބުންޏެވެ.

ކޯޗް މުހައްމަދު ސާޖިދު ބުނީ ރާއްޖޭގައި ވޮލީއަށް ކުޅުންތެރިން މިގެންނަނީ ކަންނެލި ދޯންޏެއް މަހައްދާން ހުއްޓަ، ނުވަތަ މާދިގު ކުއްޖެއް ފެނުނީމަ، ވޮލީ ކުޅުވަން ގެންނަ އުސޫލުންކަމަށެވެ. ނުވަތަ މާ ބާރަށް ބޯޅައިގައި ޖަހާތަން ފެނުނީމަ ކުއްޖާ ގެންނަނީ ކަމަށެވެ. މިގޮތަށް ކުދިން ގެންނައިރު ގިނަ ފަހަރު ކުއްޖާވާނީ 16 އަހަރަށް ވުރެއް މަތީ އުމުރުގެ ކުއްޖަކަށެވެ.

ކޯޗް ސާޖިދު ބުނީ ގައުމީ ޓީމްއަށް އާންމުކޮށް ކުޅުންތެރިން އަންނަނީ 18 އަށާރަ އަހަރާއި 22 އަހަރާއި ދެމެދުގައިކަމަށެވެ. މިފަދަ އުމުރުފުރާގެ ކުދިންނަށް ވޮލީގެ ބޭސިކް ކިތަންމެ ވަރަކަށް ކިޔައިދިނަސް އެކަން ރަނގަޅު ކުރުމަށް ވަރަށް އުދަގޫވާނެކަމަށެވެ. ބޭސިކަކީ ކުއްޖާގެ އުމުރުން 4 އަހަރާއި 10 އަހަރުގެ މެދުތެރޭގައި ކިޔައިދޭންޖެހޭ ކަންތައްތަކެވެ. މިއަދު ޔޫރަޕްގެ ޓީމްތަށް ކައިރިން ގައުމީ ވޮލީ ޓީމްތަށް ބަލިވަނީ މިސަބަބުތަކާއި ހުރެކަމަށާއި މިއީ ޓީމްގެ ކުޅުންތެރިންނަށް ބޭސިކް ނޭނގުމުން ދިމާވެގެން އުޅޭ މައްސަލައެއްކަމަށެވެ.

ކޯޗް ބުނީ މިއީ ކުޅުންތެރިންގެ މައްސަލައެއް ނޫންކަމަށާއި މިއީ ވޮލީ ހިންގަން ތިބި ބައެއްގެ މައްސަލައެއް ކަމަށެވެ.

ސާބިޔާގައި މިހާތަނަށް ކުޅެވުނު ތިން މެޗްގައިވެސް ރާއްޖޭގެ ޓީމްގެ ފަރާތުން ފެނިފައިވަނީ ހަމަ އެއް މިސްޓޭކްތަކެވެ. އެއީ އެންމެ ބޭސިކް ކަންތައްތަކެވެ. ޓީމްގެ ކުޅުންތެރިންނަށް ބޭސިކް ނޭނގުމުން، ގިނަ ޕޮއިންޓްތަކެއް ގެއްލުނުކަމަށްވެސް ކޯޗް ސާޖިދު ބުންޏެވެ.

"މެޗްތަކުން އެންމެ ފާހަގަކުރެވުނީ ކުޅުންތެރިންގެ ބޭސިކް ނެތްތަށް. މިއަދު އެކަންތަށްތަށް ރަގަނޅު ކުރުމަކީ ވަރަށް އުދަގޫކަމެއް. އަސްލުގައި ބޭސިކްއަކީ ކިހާ މުހިންމު އެއްޗެއްކަން މިހާރު ގައުމީ ޓީމްގެ ކުޅުންތެރިންނަށްވެސް އެގޭނެ. ކުޅުންތެރިންޔާ ގައުމީ ޓީމްއާއި ހިސާބަށް އަސްލުގައި އަންނަންޖެހެނީ ބޭސިކް ކަންތަށްތަށް އެގިގެން. އޭރުން އަސްލުގައި ކުޅުންތެރިޔާ ވޮލީ ކުޅުންތެރިއަކަށްވަނީ. އޭރުން ގައުމީ ކޯޗްއަކަށްވެސް ކުޅުންތެރިޔާ ލައްވާ ކުޅުވަން ފަސޭހަވަނެ. ގައުމީ ޓީމްއަށް ކުޅުންތެރިޔާ އަންނަ ހިސާބުން ކުޅުންތެރިޔާގެ ބޭސިކް ކަންތަށްތަށް ރަގަނޅު ކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ދެން ރަގަނޅެއް ނުކުރެވޭނެ. ކިތަންމެ މޮޅު ކޯޗް އަކަށްވެސް އެކަމެއް ދެން ނުކުރެވޭނެ. މިއަދު ކުޅުންތެރިންނަށްވެސް އެގޭނެ އަސްލުގައި ބޭސިކްގެ ކުހިންމުކަން." ކޯޗް މުހައްމަދު ސާޖިދު ބުންޏެވެ.

ކޯޗް ސާޖިދު ބުނީ ވައިޑީޕީ ޕްރޮގްރާމްތައް ހުއްޓާލުމުން ކުޅިންތެރިންގެ ތެރޭގައި އޮންނަ ވާދަވެރިކަންވެސް މިހާރު ނެތްކަމަށާއި ވޮލީގައި މިތިބީވެސް އަތުން ގުނާލެވޭ ވަރުގެ ކުޅުންތެރިންކަމަށެވެ.