ޚަބަރު

ކުދި މަޝްރޫއުތައް ހިންގުމަށް 17 ކައުންސިލަކަށް 4.8 މިލިޔަން ރުފިޔާ


ކައުންސިލްތަކުން ހިންގާ ކުދިން މަޝްރޫއުތަކަށް އެހީވުމަށްޓަކައި މިއަހަރު 4.8 މިލިޔަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްކުން ހާމަކުރައްވާފިއެވެ.

4 ދާއިރާއަކަށް 4.8 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވަނީ 17 ކައުންސިލަކުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށެވެ. މިގޮތުން ޚަރަދު ކުރުމަށް ނިންމާފައިވާ ދާއިރާތަކަކީ ރަށްރަށުގެ ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި މަގުބައްތި ޖެހުމާއި ޕާކްތަކާއި ފިނި މައިޒާންތައް ތަރައްޤީ ކުރުމަށެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަތަރު ރަށެއްގެ ގަބުރުސްތާނުގެ ވަށާފާރު ރޭނުމަށްޓަކައި 1.3 މިލިޔަން ރުފިޔާ ޚަރަދުވާކަމަށެވެ.

7 ރަށެއްގައި މަގު ބައްތި ޖެހުމަށް 1.9 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަމަށާއި 6 ރަށެއްގައި ކުޑަކުދިންގެ ޕާކްއާއި ފިނިމައިޒާންތައް ތަރައްޤީކުރުމަށް ޓަކައި 1.7 މިލިޔަން ރުފިޔާ ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކައުންސިލްތަކުން ކުރިއަށްގެންދާނެ މަޝްރޫއުތައް ހޯމް މިނިސްޓްރީއަށް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 90 އަށް ވުރެ ގިނަ ރަށްތަކުން ކުރިމަތިލާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރެއިން 17 ރަށް ކަނޑައަޅާ މިހާރު ފައިސާ ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.