ވިޔަފާރި

ވިޒިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯ މެލޭޝިޔާގައި ފަށައިފި


ޢެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން ބާއްވާ “ވިސިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯ މެލޭޝިޔާގައި ފަށައިފިއެވެ.

ޢެމްޕީއާރުސީއާއި އެއަރ އޭޝިޔާ ގުޅިގެން ބާއްވާ މިއެކްސްޕޯ ކުރިއަށްދާނީ މިއަދުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މެލޭޝިޔާގެ ޕުޓްރަޖަޔާގެ ވަންއޯވަން ސިޓީ މޯލްގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދާއި މެލޭޝިޔާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީގެ އިތުރުން އެއަރ އޭޝިޔާގެ ރީނަނަލް ހެޑް، އަމަންޑާ ވޫއެވެ.

މެލޭޝިޔާގައި ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ މިއެކްސްޕޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 17 ފަރާތަކުން ބައިވެރިވެއެވެ. އޭގެތެރޭގައި ރިސޯޓްތަކާއި ގެސްޓް ހައުސަތަކާއި ޓުއަރ އޮޕަރޭޓަރުން ހިމެނެއެވެ.

މިއެކްސްޕޯގެ ސަބަބުން ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނާއި ބޭރުގެ ފަރާތްތަކާއި ގުޅުން ބަދަހިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް ކުރާ މަސައްކަތަށް ކުރިއެރުންތަކެއް ލިބިގެންދާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ދިވެހި ސަގާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މިއެކްސްޕޯގެ ތެރެއިން ދިވެހި ސަގާފީ ކުޅިވަރުތަކާޢި ދިވެހި ރަހަތަށް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކާލުން ކުރިއަށްދާނޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެ އިތުރުން އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޚާއްސަ އިނާމްތަކެއް ލިބިގެންދާނޭކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.