ތިމާވެށި

ފުވައްމުލަކުގެ ކުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދަނީ


ފުވައްމުލަކުގެ ކުނީގެ މައްސަލައަށް ރަނގަޅު ޙައްލެއް ހޯދުމަށްޓަކައި،
ސަރުކާރުގެ ބެޖެޓުން ޚަރަދުކޮށްގެން ގިނަ ކަންތައްތަކެއް މިއަހަރު ކުރަން
ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.



އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި
ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ، ކުނި މެނޭޖްކުރާނެ
ގޮތުގެ ޕްލޭނެއް އެކުލަވާލުމުގައި އެމިނިސްޓްރީން ފެނަކަ ކޯޕަރޭޝަނަށް ފަންނީ އެހީ
ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.



މީގެ އިތުރުން ކްލައިމެޓް ޗޭންޖް
ޓްރަސްޓް ފަންޑުގެ ދަށުން ކުނި ކޮށީގައި ކުނި ވަކިކޮށް ބެހެއްޓުމަށް ކުނި ކޮށީގައި
ގާރޑް ހައުސްއާއި، ކޮމްޕޯސްޓިންގ ބެޑެއް ހެދުމަށް ހަމަޖަހިފައިވާ ކަމަށް
މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ފުވައްމުލަކުގެ ކުނި ކޮށްޓަށް ޖަމާވެފައި
ހުރި ކުނި ނެގުމަށް އެމްއާރްޑީސީއާ ވަނީ ޙަވާލުކޮށްފައެވެ. ފުވައްމުލަކު ކުނި
ކޮށީގައި މިވަގުތު ހުރި މެޝިންތައް ރިހެބިލިޓޭޓްކޮށް މަސައްކަތްކުރެވޭ ގޮތް ހަދާ
އެމެޝިންތައް ބޭނުންކުރަން ފެށައި، ކުނިތަށް ހުސްކޮށް ނިމުމުން ކުނިތަކުން ނަގާ ދަނގަނޑުގެ
ބާވަތްތައް އެރަށުން ބޭރުކުރުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން މިމަސައްކަތް
އެއްކޮށް ނިންމާލެވުމުން ކުރިއަށް އޮތް ތަނުގައި ފުވައްމުލަކުގައި ކުނި އަންދަން
ނުޖެހި ކުނީގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުވެގެންދާނެ
ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.



ރާއްޖޭގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ކުރާ މަސައްކަތުގެ
ދަށުން، މިއަހަރު ފަންސަވީސް ރަށެއްގައި 
ކުނި މެނޭޖްކުރުމުގެ 
މަސައްކަތްތައް އެކި މަރުޙަލާގައި ކުރިއަށްދާ ކަމަށް މިނިސްޓްރީން މަޢުލޫމާތު
ދެއްވައެވެ. އަދި އެކަމަށް ސަތާރަ ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ ޚަރަދުވާ
ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.