ހުސްވި އޭޕްރީލް މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރު %3 ދަށަށް ގޮސްފިއެވެ.މި އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް 2.38 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.44 ބިލިއަން ރުފިޔާގެ މުދަލެވެ.ކަސްޓަމްސްއިން ނެރެފައިވާ ތަފާސްހިސާބްތައް ދައްކާގޮތުން ހުސްވި އޭޕްރީލް މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު ދަށަށް ގޮސްފައިވާ މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރި މިންވަރު، ޢަދަދުގެ ގޮތުން ދަށްވެފައިވުމެވެ.އެހެންނަމަވެސް، ރާއްޖެއަށް އާންމުކޮށް އިމްޕޯޓް ކުރެވޭ މައިގަނޑު ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތައް އިމްޕޯޓްކުރި މިންވަރު މިމުއްދަތުގައި އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.ފާއިތުވި އޭޕްރީލް މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރެވުނު މިންވަރުވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު %13 އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު 201.7 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު 227.5 މިލިއަން ރުފިޔާގެ މުދަލެވެ.ތަފާސް ހިސާބްތައް ދައްކާގޮތުން ހުސްވި އޭޕްރީލްމަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރު %6 އިތުރުވެފައެވެ.2014 ވަނަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް ޑިއުޓީގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު މިއަދަދު ވަނީ 165 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.