ކުޅިވަރު

ތުޅާދޫއާއި ހިތާދޫގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ


ބ.އަތޮޅު ފުޓްބޯޅަ މުބާރާތެއްގައި އަލައް ބައިވެރިވި ތުޅާދޫ މޮޅުވިޔަ ނުދީ ހިތާދޫއިން ހިފަހައްޓައިފިއެވެ. ބ. ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ގްރޫޕް ސީގެ ތުޅާދޫ އާ ހިތާދޫ ބައްދަލުކުރި މެޗް ނިމުނީ 1 1 ނަތީޖާއަކުން ނެވެ.

ވާދަވެރި މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުން ފެނުނު މިމެޗްގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ތުޅާދޫއިން ނެވެ. ފުރަތަމަހާފްގެ އިތުރު ވަގުތުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ތުޅާދޫ ޓީމްއިން ނެގި ކޯނަރަކުން ބޮލުން ގޯލްތެރެއަށް ވައްދާލައިގެން އިފްހާމް ރަޝީދު އެވެ.

ދެވަނަ ހާފްގައި ހިތާދޫ ޓީމުން ކުޅުން ރަނގަޅުކޮށް ތުޅާދޫ ގޯލަށްވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ. އިތުރަށް ކުޅުން ރަގަޅުކޮށް، ދެވަނަ ހާފްގެ އިތުރު ވަގުތުގައި ހިތާދޫއިން ވަނީ މެޗްގެ ނަތީޖާ ހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަޙްމަދު ހުސެއިން އެވެ.

މި ގްރޫޕްގައި ދެންހިމެނެނީ މި ދެޓީމްގެ އިތުރުން ކިހާދޫ އާ ފެހެންދޫ އެވެ.

ދެޓީމްގެ ކެޕްޓަނުން މެޗް ނިންމާލުމަށްފަހު ބުނީ ކުޅުންތެރިންގެ ވަރުބަލިކަން ވަރަށް ބޮޑަށް އިޙްސާސް ކުރެވުނުކަމަށާއި، އެއީ އަލަށް ޓާފެއްގައި މިކަހަލަ ބޮޑު މުބާރާތެއް ކުޅެންޖެހުމުންކަމަށެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެ އެވެ. ބައްދަލު ކުރާނީ ގްރޫޕްއޭގެ ދެޓީމްކަމަށްވާ މާޅޮހާ، ކުޑަރިކިލު އެވެ. މާދަމާ ކުޅޭ މެޗް ފަށާނީ 16:15 ގައި އޭދަފުށީ ޓާފް ދަނޑުގައެވެ.

މިމުބާރާތަކީ ބ.އަތޮޅުގެ ރިސޯޓް ފޯސީޒަން ލަނޑާ ގިރާވަރުން އިންތިޒާމުކޮށްގެން ބ.އޭދަފުށި ވެސްޓް ވިންގް ޖަމްއިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.