މުނިފޫހިފިލުވުން

ޒައިރާ ފިލްމީ ދާއިރާ ދުރަށް


ޑަންގަލުގައި ދެއްކި މޮޅޫ ރޯލުނު ގިނަ ބަޔަކު ހިތުން ޖާގަ ހޯދި އެކްޓަރެސް ޒައިރާ ވަސީމް ފިލްމީ ދާއިރާ ދުރަށް ނިންމާ އެކަން އިއުލާންކޮށްފިއެވެ.

ކަޝްމީރަށް އުފަން އުމުރުން 18 އަހަރުގެ ޒައިރާ ފިލްމީ ކެރިއަރ ހުއްޓާލާކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޒައިރާ ބުނީ އޭނާ ފިލްމް ކުޅުން ހުއްޓާލަން ނިންމީ ދިނީ ގޮތުން ވިސްނަންޖެހޭ ކަންކަމަށް ވިސްނުމަށްފަހުގައި ކަމަށެވެ. ޒައިރާ ވަސީމުގެ މި ނިންމުމަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެއެވެ.

ޒައިރާގެ ފިލްމީ ކެރިއަރ ފަށާފައިވަނީ 2016 ވަނަ އަހަރު ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރި އާމިރުޚާނާ އެކު ފިލްމު ޑަންގަލް އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި މި ފިލްމުން 2017 ވަނަ އަހަރު ޒައިރާ ވަނީ އިންޑިއާގެ ޤައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު ޗައިލްޑް އެކްޓަރެސްގެ އެވޯޑު ހޯދާފައެވެ.

ޒައިރާ ދެންވެސް ފެނިގެން ދިޔައީ އާމިރުހާނު 2017 ވަނަ އަހަރު ގެނެސްދިން މިއުޒިކީ ފިލްމް ސީކްރެޓް ސުޕަރ ސްޓާގެ ލީޑު ރޯލުންނެވެ. މި ފިލްމުގައި ޒައިރާ ދައްކާފައިވާ އެކްޓިނަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

ޒައިރާ ދެން އެންމެ އަވަހަށް ފެންނާނީ ޕްރިޔަންކާ ޗޯޕްރާ އަދި ފަރްޚާން އަޚްތަރާއެކު "ދަ ސްކައި އިޒް ޕިންކް" މި ފިލްމުންނެވެ. މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.