ސިޔާސީ

މުޒާހަރާގައި ބައިވެރިވި 7 ކައުންސިލަރަކާމެދު ފިޔަވަޅުއަޅަނީ


މެއި މަހުގެ އެއްވަނަދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވި 7 ކައުންސިލަރަކާމެދު ފިޔަވަޅުއެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ ބޯޑުން ނިންމަފައިއެވެ.ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލް.ޖީ.އޭއިން ފިޔަވަޅު އެޅުމަށް ނިންމާފައިވާނީ މެއި މަހުގެ އެއްވަނަދުވަހު މާލޭގައި ތިބި ކައުންސިލަރުންގެ ތެރެއިން ޣައިރު ޤާނޫނި އެއްވުމެއްގައި ބައިވެރިވެގެން ފުލުހުން ހައްޔަރުކުރި 7 ކައުންސިލަރުންނާމެދުކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ.އެގޮތުން އެފަރާތްތަށް ދެމަސްދުވަހަށް ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށާއި، އަދި ސަސްޕެންޝަންގައި ހުންނަ ދެމަސްދުވަހު މުސާރަ ނުދޭގޮތަށް އެލް.ޖީ.އޭއިން ނިންމާފައިވާކަމަށް އެއޮތޯރިޓީން މައުލޫމާތުދެއެވެ.މީގެއިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގެ 123 ވަނަމާއްދާއާ ޚިލާފުވެފައިވާ ކައުންސިލަރުންނާމެދު ފިޔަވަޅުއެޅުމުގެ ކުރިން ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައިވާކަމަށްވެސް އެލް.ޖީ.އޭއިން މައުލޫމާތުދެއެވެ. އެޤާނޫނުގެ 123 ވަނަމާއްދާގައި ބުނެފައިވަނީ ކައުންސިލަރަކު ރަށުން ބޭރަށް ދާންވާނީ ކައުންސިލް އިދާރާއަށް އެންގުމަށް ފަހުގައި ކަމަށެވެ. އަދި މިނިވަން 50 ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ނިންމާފައިވާތީ އއ އަތޮޅު ކައުންސިލާއި އދ އަތޮޅު ކައުންސިލްގެ 2 މެންބަރެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ކޮމިޓީއަށް ހުށައެޅުމަށް އެލް.ޖީ.އޭ ބޯޑުން ވަނީ ނިންމާފައެވެ.މޭޑޭގެ މުޒާހާގައި ބައިވެރިވި ކައުންސިލަރުންގެ މައުލޫމާތު އެލް.ޖީ.އޭއާ ހިއްސާކުރުމަށް އެދުމުން އެކަމަށް ޖަވާބު ނުދެއްވާ ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނާމެދު ފިޔަވަޅު އެޅުމަށް ސިވިލްސަރވިސް ކޮމިޝަނަށް ހުށައެޅުމުގެ މައްސަލަވެސް ކޮމިޓީއަށް ފޮނުވާފައިވާކަމަށްވެސް އެލް.ޖީ.އޭއިން މައުލޫމާތުދެއެވެ.ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ނުދޭ ކައުންސިލަރުންނާމެދު ފިޔވަޅުއަޅާނެކަމަށާއި، މެއި މަހުގެ 1 ވަނަ ދުވަހު ބޭއްވީ ޣައިރު ޤާނޫނީ އެއްވުމެއްކަމުން އެއެއްވުމުގައި ބައިވެރިވި ކައުންސިލަރުންނާމެދު ފިޔަވަޅުއަޅާނެކަމަށް އެލް.ޖީ.އޭގެ ރައީސް އަދި ހޯމް މިނިސްޓރ އުމަރު ނަސީރު ކުރިން ވަނީ ވިދާޅުވެފައެވެ.