ސިޔާސީ

މުޒާހަރާގަ ހަމަނުޖެހުން ނުހިނގާނެކަމުގެ ޔަގީންކަން އިމްރާން ދިން


މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ކުރިން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެކަމުގެ ޔަގީންކަން ފުލުހުންނަށް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުންވަނީ މުޒާހަރާގެ ކުރިން ޝައިޚް އިމްރާނާއި ފުލުހުންނާއި ދެމެދު ބާއްވާފައިވާ ބައްދަލުވުމުގެ ވީޑިއޯތައް މިއަދު އާއްމުކޮށްފައެވެ.މުޒާހަރާގެ ކުރިން ޝައިޚް އިމްރާނާއި ފުލުހުންނާއިއެކު ބާއްވާފައިވާ ބައްދަލުވުމުގެ ވީޑިއޯތައް މީޑިއާއަށް ދެއްކީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.މި ވީޑިއޯގައި  އިމްރާން ވިދާޅުވީ މޭ މަހުގެ އެއްވަނަ ދުވަހު ބާއްވާ މުޒާހަރާއަކީ އެ ޕާޓީން އިސްނަގައިގެން ބާއްވާ މުޒާހަރާއެއް ކަމަށާއި، އެއްވެސް ހަކަލަ ހަމަނުޖެހުމެއް މުޒާހަރާގައި ނުހިނގާނެ ކަމަށެވެ.މި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ސެންޓްރަލް އޮޮޕަރޭޝަން ކޮމާންޑްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޕާޓީތަކުގެ އިސްވެރިން އެގޮަތަށް ވިދާާޅުވިނަމަވެސް މޭ މަހުގެ އެއްވަނަ ދުވަހުގެ މުޒާހަރާގައި އެ މަންޒަރު ނުފެނުނުކަމަށެވެ.ނަވީން ވިދާޅުވީ މުޒާހަރާގައި ނަމާދަށް ދިއުމަށްކަަމަށް ބުނެ އިސްލާމީ މަރުކަޒާ ދިމާއަށް މިސްރާބު ޖަހާފައިވަނީ ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެެގޮތުން ނަމާދަށް ނޭރޭފަދަ ހާލަތްތަކުގައި ހެދުން އަޅައިގެން ތިބި ފަރާތްތައް އޭގެ ތެރޭގައި ތިބި ކަމަށް ނަވީން ވިދާޅުވިއެވެ.ނަވީން ވިދާޅުވީ މުޒާހަރާއާއި ގުޅިގެން ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، މުޒާހަރާއާއި ގުޅިގެން އެތައްފަހަރެއްގެ މަތިން މީޑިޔާތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް. އަދި މުޒާހަރައިގެ ބައިވެރިން އުކި ފުޅިފަދަ ތަކެތިން ޖެހި މުޒާހަރާގެ ބައިވެރިންނާއި، ފުލުހުންނަށް އަނިޔާވި ކަންވެސް ނަވީން ފާހަގަކުރެއްވިއެވެ.މޭމަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ވަރަށް ބޮޑެތި ހަމަނުޖެހުން ހިންގައި އެތައް ބަޔަކަށް ހާނިކަވެ އަދި ފުލުހުންގެ ޒިންމާއަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ސަތޭކަ އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވެއެވެ.ހަމަނުޖެހުމުގެތެރޭގައި ދެފުލުހަކު މަގުމައްޗަށް ވަށްޓާލައި ތަޅައި އަނިޔާކުރުމުން ލިބުނު ގެއްލުންތަކަށް ފަރުވާދިނުމަށް އެދެފުލުހުން ރާއްޖެއިން ބޭރަށް ގެންގޮސްފައިވެއެވެ.އަދި ފުލުހުންގެސަފުތަކުގެތެރެއަށް ބާރުސްޕީޑްގައި ދުއްވާފައި ވެއްދި ވެހިކަލަކީވެސް ނުރައްކާތެރި އަމަލެއް ހިންގުމަށް ދުރާލައި ރާވައިގެން ހިންގި ކަމެއްކަމަށް ތުހުމަތުކުރެވޭކަމަށް ވެސް ފުލުހުންބުނެއެވެ.މިހަމަނުޖެހުންތައް ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގިނަމީހުންގެ ތަހްގީގު ނިންމައި ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށްވަނީ ފޮނުވާފައެވެ.