ޚަބަރު

ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދިދާނެ: ގިޔާސް


12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ދިވެހިރާއްޖެއަށް ރަން މެޑަލް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް މިސްޓަރ މޯލްޑިވްސް އިބްރާހީމް ގިޔާސް ބުނެފިއެވެ.

ޤައުމީ ބޮޑީބިލްޑިން ޓީމް މިހާރު ތައްޔާރުވަނީ އަންނަ މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕަށެވެ.

މިސްޓަރ މޯލްޑިވްސް ގިޔާސް ބުނީ މިއީ ރާއްޖެއަށް ކާމިޔާބު ހޯދިދާނެ މުބާރާތެއްކަމަށާއި އޭޝިޔާގެ މުބާރާތަކަށްވުރެ ބޮޑަށް ސައުތު އޭޝިޔާގެ މުބާރާތްތަކުގައި ރާއްޖެއަށް ކާމިޔާބު ހޯދުމުގެ ފުރުސަތު ބޮޑުކަމަށެވެ. ގިޔާސް ބުނީ މި އަހަރު ޤައުމީ ޓީމުގެ އެންމެ ބޮޑު ތަފާތަކަށްވާނީ ޓީމުގެ ހިތްވަރުކަމަށާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ކުރުންކަމަށެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް، މި އަހަރު، ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާކަމަށް ގިޔާސް ބުންޏެވެ.

މިމުބާރާތުގައި ރާއްޖެއާއި އެންމެ ގާތުން ވާދަކުރާނީ އަވަށްޓެރި އިންޑިއާކަމަށާއި ނަމަވެސް މިފަހަރު އިންޑިއާގެ ބޮޑީބިލްޑަރުން ބަލިކޮށް ރާއްޖެއަށް ރަން ވަނައެއް ހޯދޭނެކަމަށް އިބްރާހީމް ގިޔާސް ބުންޏެވެ.

12 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.