ސިޔާސީ

އިދިކޮޅުފަރާތްތަކަށް ކުރި އިލްތިމާސް ރައީސް ތަކުރާރު ކޮށްފި


ރާއްޖޭގެ ހަމަޖެހުމާއި، ރައްޔިތުންގެ ފައިދާއަށްޓަކައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ މަޝްވަރާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމް އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.ރައްޔިތުނަށް ފައިދާހުރި ކަންކަމުގައި އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބުރާޙީމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައެވެ.ކުރިންވެސް ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިންވަނީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މަޝްވަރާ ކުރެވޭ ކަންތަށް ވާންޖެހޭނީ ރައްޔިތުންނަށް ފައިދާކުރަނިވި ކަމަކަށްކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.އިދިކޮޅު ފަރާތްތަކުން މައިގަނޑު ގޮތެއްގައި ގޮވާލަމުންދަނީ ޓެރެރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ  ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދޫކޮށްލުމަށެވެ. އެހެންނަމަވެސް މިފަދަ ގޮވާލުންތަކާ މެދު ސަރުކާރަށް ކުރެވޭނެކަމެއް ނޯންނާނެކަމަށާއި، އިދިކޮޅު ފަރާތްތަކުގެ އެގޮވާލުންތަކަކީ ސަރުކާރުން ޤާނޫނާ ޚިލާފުވުމަށް ގޮވާލާ ގޮވާލުމެއްކަމަށް ސަރުކާރުންވަނީ ބުނެފައެވެ. އަދި ޝަރުޢީ ދާއިރާގެ ކަންތައްތަކަށް ސަރުކާރުން ބާރު ނުފޯރުވާނެކަމަށް ރައީސް ޔާމީނުވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.މީގެ ކުރިން އިދިކޮޅު މައި އެއްޕާޓީ ކަމަށްވާ އަދާލަތުޕާޓީއާ ރައީސުލްޖުމުހޫރިއްޔާވަނީ ބައްދަލުކުރައްވާފައެވެ. އަދި ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް ވަނީ ސަރުކާރުގެ ފަރާތުން އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރައްވާފައެވެ. އެހެންނަވެސް އެފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށާއި، އެކަންތައްތަކަކީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ނޫންކަމަށް ހޯމް މިނިސްޓަރވެސްވަނީ ވިދާޅުވެފައެވެ.ސަރުކާރުގެ ފަރާތުން އިދިކޮޅު ފަރާތްތަކާ ދެން މަޝްވަރާ ކުރައްވާނީ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައިވީ ނަމަވެސް އިދިކޮޅުފަރާތްތަކުންވަނީ މިނިސްޓަރ އަދީބާ މަޝްވަރާކުރަން ބޭނުންނުވާކަމަށާއި، މަޝްވަރާ ކުރަން ބޭނުންވަނީ ހަމައެކަނި ރައީސުލްޖުމުހޫރިއްޔާއާ އެކުކަމަށްވިދާޅުވެފައެވެ.