ތަރައްްޤީ

އައު ޓަރމިނަލްގެ ޑިޒައިނަށް ބަދަލު ގެނެސް އަލުން އެއްބަސްވުމުގައި ސޮއިކޮށްފި


ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލްގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް އެ މަސައްކަތްކުރުމަށް އަލުން ސަޢުދީ ބިންލާދީން ގްރޫޕް، އެސް.ބީ.ޖީއާއި ހަވާލުކޮށްފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމް.އޭ.ސީ.އެލުން ވަނީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އައު ކޮށްފައެވެ.

އައު ޓަރމިނަލް މަޝްރޫޢުގެ އެގްރީމެންޓަށް ބައެއް ކަހަލަ ބަދަލުތައް ގެނެސް، އެ މަސައްކަތް ސަޢުދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދީން ގްރޫޕާއި އަލުން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ. އަދި ބިންލާދީން ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އޯ.އޯ އިންޓަރނޭޝަނަލް ޕައުލޯ ބިގީއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ މަސައްކަތް މިއަދާ ހަމައަށްވެސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެމް.އޭ.ސީ.އެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙު ވިދާޅުވީ، އައު ޓަރމިނަލްގެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އިމާރާތް ޑިޒައިންކުރުމުގައި ޓެކްނިކަލް ގޮތުން ދިމާވި އެކި ކަހަލަ ގޮންޖެހުންތަކާއި، ޕްރޮޖެކްޓަށް ފައިނޭންސް ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެކަންކަން ހައްލުކުރެވި، ފައިސާގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށް މޫސާ ޞާލިޙު ވިދާޅުވިއެވެ.

ސަޢުދީ ބިންލާދީން ގްރޫޕުގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ ސީ.އޯ.އޯ އިންޓަރނޭޝަނަލް ޕައުލޯ ބިގީ ވިދާޅުވީ، އެކުންފުންޏަށް އިތުބާރުކޮށް، ޓަރމިނަލްގެ މަސައްކަތް އަލުން އެކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ނިންމުން އެއީ ލިބުން ވަރަށް ބޮޑު ހަމަޖެހުމެއްކަމަށާއި، ދީފައިވާ މުއްދަތަކުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މި މަޝްރޫޢުއަށް ފަންޑު ކުރާ ސަޢުދީ ޑިވެލޮޕްމަންޓް ފަންޑުގެ ފަރާތުންވެސް މި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ބިންލާދީން ގްރޫޕަށް ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމަށް ގެނައި ބައެއް ބަދަލުތަކާއެކު، ޓަރމިނަލްގެ ޑިޒައިނަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި، އައު ޓަރމިނަލް ވެގެންދާނީ ދިވެހިންގެ ސަޤާފަތާއި ތާރީހާއި ރަށްޓެހި އިމަރާތަކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އެގްރިމެންޓަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ މުޙައްމަދު ޞަލާޙު ވިދާޅުވީ، އަލަށް ސޮއިކުރި އެއްބަސްވުމާއެކުވެސް މަޝްރޫޢުގެ ޖުމްލަ އަގަށާއި، އިމާރާތުގެ ސައިޒަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް 357 މިލިއަން ޑޮލަރު ޚަރަދުވާއިރު، މި ޓަރމިނަލަކީ 78،000 އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ މި ޓަރމިނަލްގެ އަމަލީ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ނިޔަލަށެވެ.

އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.