ސިޔާސީ

އަފްރާޝީމްގެ މަރާ ރައީސް ޔާމީން އަދި އަދީބުއާ ގުޅުމެއްނެތް- ސީޕީ


ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ މަރްހޫމް އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާއި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ މައްޗަށް ތުހުމަތުކޮށް ބަޔަކު ވާހަކަތަކެއް ދައްކަމުންދިޔަނަމަވެސް މިހާތަނަށް ތަހްގީގުގައި އެއްވެސް މީހަކު އެދެބޭފުޅުންނާއިބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށް ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހުސައިން ވަހީދު ވިދާޅުވީ ތަހްގީގުގެ އެއްވެސް މަރުހަލާއެއްގައި އަފްރާޝީމް އަވަހާރަކޮށްލިކަމަށް ތުހުމަތު ކުރެވުނު އެއްވެސް މީހަކު މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ޓޫރިޒަމް މިނިސްޓަރގެ ނަންފުޅު ބޭނުންކޮށްފައިނުވާކަމަށެވެ.ސިޔާސީ ބައެއް ފަރާތްތަކާއިމެދު ތުހުމަތުކުރެވި އިންވެސްޓިގޭޓްކުރެވެމުންދިޔައިރުވެސް އަބްދުﷲ ޔާމީނާއި އަދީބުގެ ނަން އައިސްފައިނުވާކަމަށާއި އެހެންކަމުން ގަބޫލުކުރެއްވެނީ މިއީ އެއްވެސް އަސާސެއް ހެއްކެއް ގަރީނާއެއް ނެތްކަމެއްގައި އެދެބޭފުޅުންގެ އަބުރުފުޅު ކަތިލުމަށްޓަކައި ބަޔަކު ފަތުރަމުންދާ ދޮގު ވާހަކަތަކެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހްގީގުގެ އެންމެ އިސް ފަރާތަކަށް ހުންނެވި އެއް ބޭފުޅަކީ އޭރުގެ ޕޮލިސް ކޮމިޝަނަރ އަބްފުﷲ ރިޔާޒަށް ވާއިރު އަބްދުﷲ ރިޔާޒަށް މިހަގީގަތް އެނގިވަޑައިގަންނަވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި މިނިސްޓަރ އަދީބުގެ ނަމަކީ އަފްރާޝީމްގެ މަރުގެ ތަހްގީގުގެތެރެއިން ފެނިފައިވާ ދެނަން ނޫންކަން ރިޔާޒަށް އެގިވަޑައިގަންނަވާނެކަމަށްވެސް ވިދާޅުވި. އަދި މައްސަލަތަކުގައި ކޮމިޝަނަރއަށް އަރުވަނީ ޕޮލިސް އިންޓެލިޖެންސާއި ތަހްގީގުކުރާ ފަރާތްތަކުން އެއްކުރާ މައުލޫމާތުތަކަކަށްވާއިރު އަފްރާޝީމްގެ މައްސަލާގައި ފުލުހުންގެ އިދާރާއަށް އަދި ފުލުހުންގެ އިންޓެލިޖެންސަށް އެގިފައިނުވާއެއްޗެއް ކޮމިޝަނަރަށްވެސް އެގިވަޑައިނުގަންނަވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވިއެވެ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ލިބިފައިވާ މައުލޫމާތު ވަގުތުޖެހުމުން ހާމަކުރައްވާނޭކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ދާދިފަހުން މީޑިއާއެއްގައި ވިދާޅުވެފައިވާއިރު މިހާރުގެ ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ވިދާޅުވީ މި މައްސަލާގައި ފުލުހުންނަށް އެގިފައިނުވާ ވާހަކަތަކެއް ދައްކަން ރިޔާޒު އަތުގައި ވަކިއިތުރު މައުލޫމާތެއް ނުހުންނާނެކަމަށެވެ.