ކުޅިވަރު

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް ވިއްސާރައިގެ އަސަރު


ގދ. ތިނަދޫގައި މިހާރު ކުރިއަށްދާ 22 ވަނަ އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތަށް ވިއްސާރައިގެ އަސަރު ކުރި ނަމަވެސް މުބާރާތުގެ އިވެންޓުތައް ކުރިއަށް ގެންގޮސްފިއެވެ.

ރޭ ދަންވަރުން ފެށިގެން ތިނަދޫއަށް ކުރި ވިއްސާރައިގެ ސަބަބުން އެތްލެޓިކްސް މުބާރާތުގެ މިއަދު ހެނދުނުގެ އިވެންޓުތައް 07:00 ގައި ފަށަން ހަމަޖައްސާފައި އޮތް ނަމަވެސް ފެށުނީ 7:45 ހާއިރު އެވެ. މިއަދުގެ އިވެންޓުތައް ފެށުން ލަސްކުރީ ވިއްސާރައިގެ ސަބަބުން މުބާރާތް ކުރިއަށްދާ ސްޓޭޑިއަމްގެ ދުވާ ޓްރެކުގައި ފެން ހެދި ޗަކަވެފައި އޮތުމުގެ ސަބަބުންނެވެ.

ތިނަދޫއަށް ރޭ 11:00 ހާއިރު ކުރަން ފެށި ވިއްސާރަ އެއްކޮށް ހުއްޓާލީ މިއަދު ހެނދުނު 7:30 ހާއިރު އެވެ. މި ދުވަސްވަރަކީ ތިނަދޫއަށް ވިއްސާރަ ދުވަސްވަރަކަށް ނުވި ނަމަވެސް މުބާރާތް ފެށިފަހުން ކޮންމެ ރެއަކު ވިއްސާރައިގެ އަސަރު ތިނަދޫއަށް ދަނީ ކުރަމުންނެވެ. އެގޮތުން މުބާރާތް ފެށި ދުވަހުގެ ރޭ އައި ކޮޅިގަނޑެއްގައި ޖެހި އެމުބާރާތުގައި ސްކޫލުތަކުން ބޭނުންކުރަމުން އައި ބައެއް ޓެންޓުތައް ހަލާކުވި އެވެ. ނަމަވެސް ފަހުން އެ ޓެންޓުތައް ވަނީ މަރާމާތު ކޮށްފައެވެ.

ރޭ ކުރި ވިއްސާރައިގެ ސަބަބުން މިއަދު ހެނދުނު ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތް އިވެންޓުތަކުގެ ޝެޑިއުލަށްވެސް ބަދަލުތަކެއްވަނީ އައިސްފައެވެ. އެގޮތުން ބައެއް އިވެންޓުތައް ވަނީ މިއަދު ހަވީރަށް ބަދަލުކޮށްފައެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ އިވެންޓުތަކުގެ ތެރޭގައި ފައިނަލް 6 އިވެންޓެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ 15 އަހަރުން ދަށުގެ އަންހެން ބައިގެ ޑިސްކަސް ތްރޯ އާއި އެ އުމުރުފުރައިގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އުކުމާއި 13 އަހަރުން ދަށުގެ އަންހެން ބައިގެ ޑިސްކަސް އުކުމުގެ އިތުރުން އެ އުމުރުފުރައިގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އުކުމުގެ އިވެންޓެވެ. އަދި މީގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން ބައިގެ ލޯންގް ޖަމްޕުގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ބައިގެ ޝޮޓް ޕުޓް އުކުމުގެ ފައިނަލް ވެސް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވެއެވެ.

އެ އިވެންޓުތަކުގެ ނަތީޖާއަށް ބަލާއިރު، 15 އަހަރުން ދަށުގެ އަންހެން ބައިގެ ޑިސްކަސް އުކުމުގެ އިވެންޓުން އެއްވަނަ ހޯދީ އައްޑޫ ސިޓީގެ މަރަދޫ ސްކޫލުގެ އައިޝަތު އާލާ އެވެ. މި އިވެންޓުގެ ދެވަނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު ސިބްގަތު ހޯދިއިރު ތިންވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޝާޔާ މުހައްމަދެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އުކުމުން އެއްވަނަ ގެމަނަފުށީ ސްކޫލުގެ ހުސައިން ޝާއިގް ހޯދި އިރު ދެވަނަ ހޯދީ ގދ. އަތޮޅު ސްކޫލުގެ ލުފްޝާން އިބްރާހިމެވެ. ތިން ވަނަ ހޯދީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ އެތްލީޓު، ހުސައިން އުޒައިން އަލީ އެވެ. މި އުމުރުފުރައިގެ އަންހެން ބައިގެ ޝޮޓް ޕުޓް ފައިނަލްގައި އެއްވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޔަނާލް އަބްދުﷲ އެވެ. ދެވަނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު ސިބްގަތު ހޯދި އިރު ތިންވަނަ ހޯދީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ އައިޝަތު ރީޝާ މުހައްމަދެވެ.

މީގެ އިތުރުން، މިއަދު ހެނދުނު ކުރިއަށް ގެންދިޔަ 13 އަހަރުން ދަށުގެ އަންހެން ބައިގެ ޑިސްކަސް އުކުމުގެ ނަތީޖާއަށް ބަލާއިރު، އެއްވަނަ ހޯދާފައިވަނީ ހާފިޒް އަހުމަދު ސްކޫލުގެ ލީސް އިބްރާހިމް ހަސަނެވެ. ދެވަނަ، މުހައްމަދު ޖަމާލުއްދީން ސްކޫލުގެ އެތްލީޓު، އައިޝަތު ލައިސާ މުހައްމަދު ހޯދިއިރު ތިންވަނަ ހޯދީ ތިނަދޫ ސްކޫލުގެ އަމިނަތު ރާޔާ މުހައްމަދެވެ. މި އުމުރުފުރައިގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އުކުމުގެ އެއްވަނަ ފޭދޫ ސްކޫލުގެ މުހައްމަދު ސުމައިހު ހޯދި އިރު ދެވަނަ ހޯދީ އަބޫބަކުރު ސްކޫލުގެ އެތްލީޓު، މުހައްމަދު ޝަމްވީލެވެ. ތިންވަނ ހޯދީ މާމެމްދޫ ސްކޫލުގެ އަބްދުﷲ އަޒާނެވެ.

ދެން މިއަދު ކުރިއަށްގެންދިޔަ ފައިނަލް އިވެންޓަކީ 17 އަހަރުން ދަށުގެ އަންހެން ބައިގެ ލޯންގް ޖަމްޕެވެ. އެ އިވެންޓުން ކުރި ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. އެގޮތުން އެ އިވެންޓުގެ އެއްވަނަ އަދި ތިން ވަނަ ހޯދީ އެ ސްކޫލުގެ އެތްލީޓުންނެވެ. އެސްކޫލުގެ އެތްލީޓު، ފާތިމަތު ޒާރާ އެއްވަނަ ހޯދި އިރު ތިން ވަނަ ހޯދީ ފާތިމަތު ލުހާ އެވެ. ދެވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލީޓު، މާހާ އަލީ ހާޝިމެވެ.

ތިނަދޫގައި ކުރިއަށްދާ މި މުބާރާތުގެ އިވެންޓުތައް މިއަދު ހަވީރާއި މާދަމާވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.