ކުޅިވަރު

3000 މީޓަރު ދުވުމުގެ ބައިން ފުވައްމުލަކު ދަރިވަރުން ކުރި ހޯދައިފި


ގދ. ތިނަދޫގައި ކުރިއަށްދާ 22 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ 3000 މީޓަރު ދުވުމުގެ ބައިގެ ދެ އިވެންޓުންވެސް ފުވައްމުލަކު ސިޓީގެ ދަރިވަރުން ކުރި ހޯދައިފިއެވެ.

މި މުބާރާތުގެ މިއަދު ހަވީރު ކުރިއަށްދިޔަ އިވެންޓުތަކުގެ ތެރެއިން 17 އަހަރުން ދަށުގެ އަންހެން ބައިގެ 3000 މީޓަރު ދުވުމުގެ އެއްވަނައާ ތިންވަނަ ހޯދާފައިވަނީ ފުވައްމުލަކުގެ ހާފިޒް އަހުމަދު ސްކޫލުގެ ދަރިވަރުންނެވެ.

މިބައިން އެއްވަނަ ހޯދީ ފުވައްމުލަކުގެ ހާފިޒް އަހުމަދު ސްކޫލުގެ ފާތިމަތު އަލްޔާ އިބްރާހިމެވެ. މި ބައިން ދެވަނަ ދާންދޫ ސްކޫލުގެ ޖަންނަތު އަބްދުﷲ ހޯދި އިރު، ތިންވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލުގެ އެތްލީޓެއް ކަމަށްވާ އަމިނަތު ފަރުހީނެވެ.

އެ އުމުރުފުރައިގެ ފިރިހެން ބައިގެ 3000 މީޓަރު ދުވުމުން އެއްވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލީޓު، އަހުމަދު އައިހަމް މޫސާ އެވެ. އަދި އެބައިގެ ދެވަނަ ގެމަނަފުށީ ސްކޫލުގެ އަލީ ޝާޒް ހަބީބު ހޯދިއިރު ތިން ވަނަ ހޯދީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގެ ހަވަރީ ޒިޔާދެވެ.

މީގެ އިތުރުން މިއަދު ހަވީރު 200 މީޓަރު ދުވުމުގެ ފައިނަލް އިވެންޓުތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން 15 އަހަރުން ދަށުގެ އަންހެން ބައިގެ 200 މީޓަރު ދުވުމުން ދާންދޫ ސްކޫލުގެ އަމިނަތު ލަޔާނާ މުހައްމަދު ހޯދި އިރު ދެވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ މަރިޔަމް ރޫޔާ އަލީއެވެ. ތިން ވަނަ ހޯދީ ޝަރަފުއްދީން ސްކޫލުގެ ހައްވާ މުޒްނާ ފާއިޒެވެ.

އެ އުމުރުފުރައިން 200 މީޓަރު ދުވުމުގެ ފިރިހެން ބައިން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލުގެ ނާއިހު އިލްޔާސް އަހުމަދެވެ. ދެވަނަ ޣާޒީ ސްކޫލުގެ ޝައިޙާން މުހައްމަދު ހޯދި އިރު ތިން ވަނަ ހޯދީ ދާންދޫ ސްކޫލުގެ ހަސަން އަބާން ނަޖީބެވެ.

17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ އަންހެން ބައިގެ ފައިނަލުގައި ކުރި ހޯދީ ދާންދޫ ސްކޫލުންނެވެ. އެގޮތުން އެ ބައިގެ އެއްވަނަ އެސްކޫލުގެ ސަރާ މަސްއޫދު ހޯދި އިރު ދެވަނަ ހޯދީ ޝަރަފުއްދީން ސްކޫލުގެ މަރިޔަމް އަލްހާ ހުސައިނެވެ. އަދި ތިން ވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މާހާ އަލީ ހާޝިމެވެ.

200 މީޓަރު ދުވުމުގެ 19 އަހަރުގެ ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދާފައިވަނީ އައްޑޫ ހައިސްކޫލުންނެވެ. އެގޮތުން އެ އުމުރުފުރައިގެ ފިރިހެން ބައިގެ އެއްވަނަ އެ ސްކޫލުގެ މުހައްމަދު ޖަލާއިލް ހޯދި އިރު އަންހެން ބައިގެ އެއްވަނަ ހޯދީ އައިޝަތު ހިމްނާއެވެ.

މިއަދު އިތުރަށް ކުރިއަށް ދިޔަ އިވެންޓުތަކުގެ ތެރޭގައި 13 އަހަރުން ދަށުގެ 80 މީޓަރު ދުވުމުގެ އިވެންޓުތައްވެސް ހިމެނެއެވެ. އެގޮތުން އެ އުމުރުފުރައިގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގެ ނާމީ އަހުމަދު މުޖުތަބާއެވެ. އަދި އަންހެން ބައިގެ އެއްވަނަ ހޯދީ ތިނަދޫ ސްކޫލުގެ އަމިނަތު ޒިފްނާއެވެ.

މިއަދު ދެން ކުރިއަށް ދިޔައީ ފީލްޑު އިވެންޓުތަކެވެ. އެގޮތުން މައިގަނޑު 4 އިވެންޓެއްގެ ފައިނަލް ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން 19 އަހަރުން ދަށުގެ ޝޮޓް ޕުޓް އުކުމުގެ އަންހެން ބައިގެ އެއްވަނަ ހޯދީ ގެމަނަފުށީ ސްކޫލުގެ ފާތިމަތު ލުހާއެވެ. ދެވަނަ ވެސް ހޯދީ އެ ސްކޫލުގެ އެތްލީޓެއް ކަމަށްވާ ފާތުމަތު ޝުއައިމެވެ. ތިން ވަނ ހޯދީ އައްޑޫ ހައިސްކޫލުގެ މާސީ އާސިފެވެ.

19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޑިސްކަސް ތްރޯ އިން ކުރި ހޯދީ ދ. އަތޮޅު ސްކޫލުންނެވެ. އެގޮތުން އެއްވަނައަށް އެސްކޫލުގެ ނާމީ ޖަމްޝީދު ހޮވުނު އިރު ދެވަނަވެސް ހޯދީ އެސްކޫލުގެ އާނިސް ލަތީފެވެ. ތިން ވަނަ ހޯދީ ގެމަނަފުށީ ސްކޫލުގެ އެތްލީޓް، އަހުމަދު މިގްދާމް މުހައްމަދެވެ.

މީގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ބައިގެ ލޯންގް ޖަމްޕުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުހައްމަދު އެއްވަނަ ހޯދި އިރު 17 އަހަރުން ދަށުގެ ޖެވެލިން އުކުމުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ގެމަނަފުށީ ސްކޫލުގެ ސަފްހާން އަލީއެވެ.

މިމަހުގެ 23 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި މުބާރާތުގެ އިވެންޓުތައް މާދަމާވެސް އޮންނާނެއެވެ. މި މުބާރާތުގައި 20 ސްކޫލެއްގެ 104 ޓީމަކުން 565 އެތްލީޓުން ވާދަކުރެއެވެ.