ޚަބަރު

އެތްލެޓިކްސް މުބާރާތާއި ގުޅިގެން ތިނަދޫގެ އިންޖީނުގެއަށް ލޯޑުބޮޑުވެ ކަރަންޓު ކެނޑެނީ


ގދ. ތިނަދޫގައި މިހާރު ކުރިއަށްދާ 22 ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތަށް އަތޮޅުތަކުގެ އެކި ސްކޫލުތަކުން މީހުން އައުމާ ގުޅިގެން ތިނަދޫ އިންޖީނުގެއަށް ލޯޑު ބޮޑުވެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެއްޖެއެވެ.

އާބާދީގައި 12000 އަށްވުރެ ގިނަ މީހުން ތިނަދޫގައި ދިރިއުޅެމުންދާއިރު 1600 އަށްވުރެ ގިނަ ގޭބިސީ ހިމެނެއެވެ. އަދި މީގެ އިތުރުން މިހާރު މިރަށުގައި ކުރިއަށްދާ އެތްލެޓިކްސް މުބާރާތުގައި ބައިވެރިވާ އެކި ރަށްރަށުގެ ސްކޫލުތަކުން 600 އަށްވުރެ ގިނަ މީހުން އައިސްފައިވާއިރު، އިއްޔެ އާއި މިއަދު ތިނަދޫއިން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

ތިނަދޫ ފެނަކާ އޮފީހުން މައުލޫމާތު ދިން ގޮތުގައި ކަރަންޓު ކެނޑެމުންދަނީ އިންޖީނުތަކަށް ލޯޑުުބޮޑުވަމުންދާތީއެވެ. އަދި ލޯޑު ބޮޑުވުމުގެ ސަބަބުން އިންޖީނުތައް ހުއްޓޭގޮތް މެދުވެރި ވަނީ ކަމަށްވެސް ފެނަކަ އޮފީހުން ބުންޏެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑެމުންދާ މައްސަލަބޮޑުވެފައިވާއިރު، ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑެމުންދާކަންވަނީ ފާހަގަކުރެވިފަ.

ތިނަދޫގައި މީހުން ގިނަވެ، ކަރަންްޓުގެ މައްސަލަ ދިމާވެފައިވާއިރު، 2016 ވަނަ އަހަރު ތިނަދޫ އިންޖީނުގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަށްފަހު ކަރަންޓުގެ ކެޑުމުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ.

ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދަނީ 1.2 މެގަވޮޓްގެ ޖަނެރޭޓަރަކާއި، 1 މެގަވޮޓްގެ ދެ ޖަނެރޭޓަރާއި 700 ކިލޯ ވޮޓުގެ ޖަނެރޭޓަރެކެވެ. މި ޖަނެރޭޓަރުތަކުން މުޅި ތިނަދޫއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ފަހަރުވެސް އާދެއެވެ. އެގޮތުން ފަހަކަށް އައިސް ހޫނު ގަދަވުމާ ގުޅިގެން ދޭތެރެ ދޭތެރެއިން ދެގަޑިއިރުގެ މުއްދަތަށްވެސް ތިނަދޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭ މައްސަލަ އަކީ އާންމު މައްސަލައެކެވެ.