ކުޅިވަރު

800 މީޓަރު ދުވުމުގެ ބައިން ގިނަ ވަނަތަކެއް ގދ. އަތޮޅު ތައުލީމީ މަރުކަޒަށް


ގދ. ތިނަދޫގައި މިހާރު ކުރިއަށްދާ 22 ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތުގެ މިއަދު ހެނދުނު ކުރިއަށް ދިޔަ އިވެންޓުތަކުގެ ތެރެއިން 800 މީޓަރު ދުވުމުގެ އެކި އުމުރުފުރާތަކުން ގިނަ ވަނަތަކެއް ގދ. އަތޮޅު ތަައުލީމީ މަރުކަޒުން ހޯދައިފިއެވެ.

މިއަދު ހެނދުނުގެ ޝެޑިއުލްގައި ޖުމްލަ 12 އިވެންޓެއްގެ ފައިނަލް އޮތް އިރު އޭގެ ތެރޭގައި 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޖެވެލިން އުކުމާއި 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ހައި ޖަމްޕާއި 800 މީޓަރު ދުވުމުގެ ފައިނަލް އިވެންޓުތަކާއި 17 އަހަރުން ދަށުގެ އަންހެން ބައިގެ ޑިސްކަސް ތްރޯގެ އިތުރުން 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އުކުމުގެ އިވެންޓު އަދި 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ހައިޖަމްޕުގެ އިތުރުން 13 އަހަރުން ދަށުގެ ލޯންގ ޖަމްޕް ހިމެނެއެވެ.

800 މީޓަރު ދުވުމުގެ އިވެންޓުތަކުން ގިނަ ވަނަ ތަކެއް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލީޓުން ހޯދި އިރު، އެ ސްކޫލުން ހޯދި ވަނަ ތަކުގެ ތެރޭގައި 15 އަހަރުން ދަށުގެ ފިރިހެން ބައިން އެއްވަނައާއި 19 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ހިމެނެއެވެ. 15 އަހަރުން ދަށުގެ ފިރިހެން ބައިން އެއްވަނަ ހޯދީ އެސްކޫލުގެ އަބްދުﷲ ފައުޒާން މުހައްމަދެވެ. އެ ބައިގެ ދެވަނަ ހޯދީ ހަމަ އެސްކޫލުގެ ހުސައިން ޚުއްސާނެވެ. 19 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ހޯދީ އެސްކޫލުގެ ސަމްހާ މުހައްމަދެވެ.

15 އަހަރުން ދަށުގެ އަންހެން ބައިގެ 800 މީޓަރު ދުވުމުން އެއްވަނަ ޖަމާލުއްދީން ސްކޫލުގެ މަރިޔަމް ޔާނާ ހޯދި އިރު ދެވަނަ ހޯދީ ޝަރަފުއްދީން ސްކޫލުގެ އަމިނަތު އައިނީ އަބްދުﷲ އެވެ. ތިން ވަނަ ވެސް ހޯދީ ޝަރަފުއްދީ ސްކޫލުގެ އައިޝަތު ނަފްހާއެވެ.

800 މީޓަރުގެ 17 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ބައިން އެއްވަނަ ޣާޒީ ސްކޫލުގެ އަލީ ވިލްދާ ހޯދި އިރު ދެވަނަ އާއި ތިން ވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެ ބައިން ދެވަނަ ހޯދީ އިބްރާހީމް އިފާޒެވެ. ތިން ވަނަ ހޯދީ އަހުމަދު ނާގިދު މުހައްމަދެވެ.

މި އުމުރު ފުރައިގެ އަންހެން ބައިގެ އެއްވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލުގެ ފާތިމަތު އިޝްނާއެވެ. ދެވަނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޝާއިމާ ހޯދި އިރު ތިން ވަނަ ހޯދީ ގދ. އަތޮޅު ސްކޫލުގެ އާލާއު މުހައްމަދެވެ.

19 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ ފިރިހެން ބައިން އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލުގެ މުހާޖިރު ޒިޔާދެވެ. ދެވަނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު އައިހަމް ހޯދި އިރު ތިންވަނަވެސް ހޯދީ އެ ސްކޫލުގެ ހާޒިމް ހުސައިނެވެ.

މީގެ އިތުރުން މިއަދު ހެނދުނު ކުރިއަށްދިޔަ ފީލްޑު އިވެންޓުތަކުގެ ފައިނަލުގެ ތެރެއިން 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޖެވެލިން އުކުމުން އެއްވަނަ ހޯދީ ދ. އަތޮޅު ސްކޫލުގެ އާލަފް އަހުމަދެވެ. 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ހައި ޖަމްޕުން އެއްވަނަ ހޯދީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ މުހައްމަދުު ޖަރީޝެވެ. އަދި އެ އުމުރުފުރައިގެ އަންހެން ބައިގެ ލޯންގް ޖަމްޕް އިން އެއްވަނަ ފޭދޫ ސްކޫލުގެ އަމިނަތު ޒަފާ ޒައިން ހޯދި އިރު 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ހައި ޖަމްޕު އިވެންޓުން އެއްވަނަ ހޯދީ ގދ. އަތޮޅު ސްކޫލުގެ ލުފްޝާން އިބްރާހިމެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އުކުމުގެ އިވެންޓުން އެއްވަނަ ހޯދީ ގެމަނަފުށީ ސްކޫލުގެ ސަފްހާން އަލީއެވެ. އަދި އެ އުމުރުފުރައިގެ އަންހެން ބައިގެ އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުގެ ކައުސަރު އާދަމެވެ.