ކުޅިވަރު

އެތްލެޓިކްސް މުބާރާތް: ހަލާކުވި ޓެންޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި


ރޭ އައި ކޮޅިގަނޑެއްގައި ވައި ޖެހި، ތިނަދޫގައި ކުރިއަށްދާ އެތްލެޓިކްސް މުބާރާތުގައި ސްކޫލުތަކުން ބޭނުންކުރާ ޓެންޓްތައް ހަލާކުވެފައިވާތީ އެ ޓެންޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ދުވަސްވަރު ތިނަދޫއަށް ވިއްސާރަ ނުކުރި ނަމަވެސް، ރޭ އައި މި ކޮޅިގަނޑުގައި ޖެހި ސްޓޭޑިއަމްގައި ހަރުކޮށްފައިހުރި ދެ ޓެންޓުގެ ތެރެއިން އެއް ޓެންޓު ވަނީ ހަލާކުވެފައެވެ. ހަލާކުވި ޓެންޓު މަރާމާތު ކުރުމުގެ މަސައްކަތް ތިނަދޫގެ މުއައްސަސާތައް ގުޅިގެން ފަށާފައިވާއިރު ހެނދުނުގެ އިވެންޓުތަކަށް ސްކޫލުތަކުން ހަލާކުވި ޓެންޓުވެސް ބޭނުންކުރިއެވެ. އެ ޓެންޓު ސްކޫލުތަކުން ބޭނުން ކުރީ، ބޭނުން ކުރެވޭ ހާލަތަށް ގެނައުމަށްފަހުއެވެ.

ނަމަވެސް މިއަދުގެ ހެނދުނުގެ އިވެންޓުތައް ނިމުމާއެކު އެ ޓެންޓު މަރާމާތުކުރުމުގެ މަސައްކަތް ތިނަދޫގެ މުވައްސަސާތަކުން ވަނީ ފަށާފައެވެ. އެގޮތުން ޕަބްލިކް ވޯކްސްއާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ އިތުރުން ފުލުހުންނާއި ޒޯން ސްޓޭޑިމް އަދި އެސްޓީއޯ ތިނަދޫ ފިހާރައިގެ މުވައްޒަފުންވެސް ދަނީ މަސައްކަތުގައި ބައިވެރިވަމުންނެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގެ އިވެންޓުތައް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، މި މުބާރާތުގައި 29 ސްކޫލަކުން 565 އެތްލީޓުން ބައިވެރިވެއެވެ.