އިހަވަންދޫގައި ދާރުލްއާސާރެއް ޤާއިމްކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
އިހަވަންދޫ ކައުންސިލުން މި މަސައްކަތް ފަށާފައިވަނީ އެރަށަކީ ދިގު ތާރީޚެއް އޮތް ރަށަކައްވެފައި މިހާތަނަށް ރަށާ ގުޅިފައިވާ ތާރީޚީ ތަރިކަ ހިމާޔަތްކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމުންކަމަށް އެރަށު ކައުންސިލުން ބުނެވެ. ކައުންސިލުން ބުނީ އެރަށުގަ ހުރި އާސާރީ މިސްކިތަކީ މާލޭގައި ހުރި ހުކުރު މިސްކިތުގެ ޑިޒައިނަށް ހިރިގަލުން ހަދާފައިވާ މިސްކިތަކަށްވެފައި އެމިސްކިތުގައި ތާރީޚީ ބައެއްކަހަލަ ލިޔެކިޔުންތައް ފެންނަން އެބަހުރިކަމަށާ އެހެންކަމުން އެ މިސްކިތާއި އެ ތަކެތި ރައްކާތެރި ކުރެވޭނެ ރަގަޅު ނިޒާމެއް ޤާއިމް ކުރުމަކީ ކައުންސިލްގެ ޒިމާއެއްކަމަށެވެ.
އިހަވަންދޫގައި ދާރުލްއާސާރު ޤާއިމް ކުރުމަށްޓަކައި އަޅާ އިމާރާތުގެ ކުރެހުން ނިމިފައިވާއިރު މިހާރު ކުރަމުންދަނީ އެ އިމާރާތް އެޅުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްްކަތްކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ދާރުލްއާސާރު އިމާރާތްކުރަން ނިއްމާފައިވަނީ އެރަށުގައި ކުރިން ކާޑުގެ ހުރި ބިމުގައެވެ. އެ ބިމަކީ މިހާރު ކައުންސިލްގެ ބިމެކެވެ.
އިހަވަންދޫ ކައުންސިލުން ބުނީ ދާރުލްއާސާރުގައި ބެހެއްޓުމަށްޓަކައި އެރަށުގައި އިހުޒަމާނުގައި ބޭނުންކުރި އެކި އާލާތްތަކާއި ތަކެތި އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެެވެ. އަދި ރަށުގެ ރައްޔިތުންގެ އަތުގައި ހުރި އެފަދަ ތަކެތި ކައުންސިލަށް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށާއި ވިއްކަން ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެފަދަ ތަކެތި ނުއަގުގައި ވިއްކުމާއި ހަލާކުކުރުންފަދަ ކަންތައްތައް ނުކޮށް އެފަދަ ތަކެތި ރައްކާތެރިކަމާއެކު ކައުންސިލާ ހަވާލުކޮށްދިނުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
އިހަވަންދޫގައި ދާރުލްއާސާރެއް ޤާއިމް ވެގެން ދިއުމަކީ އިހަވަންދޫއަށް ލިބޭ އާމްދަނީ އިތުރުވެ ދަތުރުވެރިންނާއި ފަތުރުވެރިންނަށް ރަށާ ގުޅިފައިވާ ތާރީޚީ ތަކެތި އެއްތަނަކުން ބަލާލުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
އިހަވަންދޫއަކީ މުޙައްމަދު ތަކުރުފާނުގެ މަންމާފުޅު އާމިނާދިއޯގެ ރަށްކަމަށްވެފައި، އިހުޒަމާނުގަިއ ބޭނުންކުރި ބައެއް އާސާރީ ތަރިކަ ފެންނަންހުރި ރަށެކެވެ. އެހެންކަމުން އެ ތާރީޚީ އާސާރުތައް އަންނަ އޮތް ޖީލަށް ވާސިލުކޮށްދިނުމަކީ އިހަވަންދޫ ކައުންސިލުގެ ޒިންމާއެއްކަމަށް އެރަށު ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އަމިއްލަ ދާރުލްއާސާރުތަކާއި ކައުންސިލްތަކުން ދާރުލްއާސާރުތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، ހެރިޓޭޖް މިނިސްޓްރީންވެސް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރަހައްދީ ދާރުލްއާސާރުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤައުމީ ދާރުލްއާސާރުގެ އެކިއެކި ގޮފިތައް ހުޅުވި، ސަރަޙައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ތަރިކައާއި ސަޤާފަތާމެދު ދިވެހިންގެ ހިތްތަކުގައި ފަޚުރުވެރިކަން އުފެދޭނޭ ކަމެއް ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ ވިދާޅުވެފައެވެ.