ޚަބަރު

ފޯކައިދޫގައި ޕީކް ގަޑިތަކުގައި %70އަށް ސޯލަރ ޕަވަރ ޖަނަރޭޓްކުރެވޭގޮތް ހަދަނީ


ށ. ފޯކައިދޫ އައު އިންޖީނުގެ ނިމި ޚިދުމަތް ދޭން ފެށުމުން އެ އިންޖީނުގޭގައި ޕީކް ގަޑިތަކުގައި އަވިން ހަކަތް އުފެއްދޭ މިންވަރު 70 އިންސައްތައަށް އިތުރުކުރައްވަނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ފޯކައިދޫ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ށ.ފޯކައިދޫ ފެނުގެ ނިޒާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވައި މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ.ހުސައިން ރަޝީދު ހަސަން ވަނީ ފޯކައިދޫ ކައުންސިލަކީ އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ. މިސަބަބައްޓަކައި މިކައުންސިލަށް ވޭތުވެދިޔަތަނުގައި މިރަށުން ތަރައްޤީގަށް އުތުރުގެ ސަރަހައްދަށް މިސާލުދައްކާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން މިދިޔަ ސަރުކާރުން ގެންގުޅުނު ޕީކް ގަޑިތަކުގައި އަވިން ހަކަތް އުފެއްދޭ މިންވަރު 30 އިންސައްތައަށް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި ރަށަކަށް ފޯކައިދޫ ވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ، އަދިވެސް މިރަށަށް ކަރަންޓު ލިބުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި މައްސަލަ ހައްލުކުރުމަށް އާ އިންޖީނުގެއެއް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ، ށ.ފޯކައިދޫ އާ އިންޖީނުގެ ނިމި ޚިދުމަތް ދޭން ފެށުމުން އެ އިންޖީނުގޭގައި ޕީކް ގަޑިތަކުގައި އަވިން ހަކަތް އުފެއްދޭ މިންވަރު %70އަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ފޯކައިދޫގައި ކުނިން ކަރަންޓު އުފެއްދޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އާދެ ކަރަންޓުގެ މައްސަލައަކީ ވަކި ރަށަކަށް އެކަނި ދިމާވެފައިވާ މައްސަލައެއް ނޫން. މިކަން ހައްލުރުމަށް އެންމެ ދަށުން ފަށަން މިޖެހެނީ. އެގޮތުން މި ރަށުގެ އައު އިންޖީނުގެ ނިމި ޚިދުމަތް ދޭން ފެށުމުން އެ އިންޖީނުގޭގައި ޕީކް ގަޑިތަކުގައި އަވިން ހަކަތް އުފެއްދޭ މިންވަރު 70 އިންސައްތައަށް އިތުރުކުރުމަށް އަމާޒު ހިފާފައިމިވަނީ." މިނިސްޓަރ ޑރ. ހުސައިން ރަޝީދް ހަސަން ވިދާޅުވިއެވެ.

ށ.ފޯކައިދޫ ބަނދަރު ސަރަހައްދުގައި އޮތް ރަސްމިއްޔާތުގައި ފޯކައިދޫ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ.ހުސައިން ރަޝީދު ހަސަނެވެ. ގްރީން ކްލައިމެޓް ފަންޑުން 30.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި ނިޒާމުގެ ދަށުން އާރުއޯއަދި ސްޓޯރެޖް ޕްލާންޓެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. ކެނެޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާލިމިޓެޑައި ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓް މިއަހަރު ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމުމަށްވަނީ ކޮންޓްރެކްޓްކޮށްފައެވެ.