ޚަބަރު

އުއްތަމަ ފަނޑިޔާރުގެ ހާލުކޮޅާއި ބެހޭގޮތުން ދައްކަނީ ދޮގު ވާހަކެއް


އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސިއްހީ ހާލުކޮޅާ ބޭހޭ ގޮތުން ފަތުރަމުންދާ ގިނަ ވާހަކަތަކަކީ ހަގީގަތާއި ހިލާފް ވާހަކަތަކެއްކަމަށާއި ސިއްހީ ފަރުވާއަކަށްފަހު އެމަނިކުފާނު ވަރަށް އަވަހަށް ހިދްމަތަށް ނުކުންނަވާނެކަމަށް ސުޕްރީމްކޯޓުން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާއި ބެހޭގޮތުން ތާފާތު ގޮތްގޮތަށް ހަގީގަތާއި ހިލާފް ވާހަކަތައް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާކަމަށް ބުނެ ސުޕްރީމްކޯޓުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޭގެތެރެއިން ގިނަ ވާހަކަތަކީ ހަގީގަތާއި ހިލާފް ކަނޑައެޅިގެން ދޮގު ވާހަކަތައްކަމަށެވެ.

ސުޕްރީމްކޯޓްގެ ބަޔާނުގައި ވިދާޅުވެފައިވަނީ  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގިނަ ދީމިޤްރާޠީ މުޖްތަމައުތަކެކޭވެސް އެއްފަދައަކުން އަނެކާގެ ޙައްޤުތަކަށާއި މުޖްތަމައުގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރަންޖެހޭ ޒިންމާދާރު އަދި ބިނާކުރަނިވި މިނިވަންކަމެއްކަމަށްވާއިރު ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ޛިންމާދާރު އަދި ބިނާކުރަނިވި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ތަރައްޤީކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޛިންމާ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ފަރާތުން އުފުލަމުންގެންދާނެކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭކަމަށެވެ.