ތަރައްްޤީ

ފަސް އަހަރު ތެރޭ ހުރިހައި ވަޢުދުތަކެއް ފުއްދޭނެކަމުގެ ޔަޤީންކަން ލިބިއްޖެ - ފިނޭންސް މިނިސްޓަރ


މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފަސް އަހަރުދުވަހުގެ ދައުރު ނިމޭއިރު ފުއްދޭނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، ދެދުވަހުގެ މުއްދަތަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019އިން ޙާސިލުވި މުހިއްމު ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިފަދަ ފޯރަމެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަޢުދުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދުންކަމަށެވެ.

މިފޯރަމްގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ޙާލާތު ރަނގަޅުކޮށް، ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި 70 މަޝްރޫޢެއް، ސަރުކާރުގެ ފަރާތުން ހުށަހެޅުނުކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވަޢުދުވެފައިވާ ހުރިހާ މަޝްރޫޢެއް ރައްޔިތުންނާއި ހަމައަށް މި 5 އަހަރުގެ ތެރޭގައި ގެނެސްދެވޭނެކަމުގެ ޔަޤީންކަން ފޯރަމްގެ ތެރެއިން ލިބިފައިވާކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި ބޭރު ދުނިޔޭގެ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޕާޓްނަރޝިޕް ފޯރަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާޙިދު ވިދާޅުވީ، މިފަހަރުގެ ފޯރަމުގައި ބޭރުގެ އެކި ޤައުމުތަކުގެ ފަންނީ އަދި ތަޖުރިބާކާރުން ބައިވެރިވެފައިވާކަމަށެވެ. އަދި މިއީ ވަރަށް ކާމިޔާބު ފޯރަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ކުރިއަށްއޮތް 5 އަހަރަށް މި ސަރުކާރުން ގެންގުޅޭ ތަރައްޤީގެ ތަޞައްވުރު ބޭރުގެ ފަރާތްތަކުން ބަލައިގަނެ، "ޖަޒީރާ ރާއްޖެ" ކޮންސެޕްޓަށް އެފަރާތްތަކުގެ ތާޢިދުއޮތްކަން ހާމަކޮށްފައިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގައި ބޭއްވި 4ވަނަ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019ގައި "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއެއް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރުގެ ދަށުން ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދިޔައެވެ. އެގޮތުން މިސެޝަންތަކުގައި ކުރިޔަށް ގެންދިޔަ މައުލޫތަކުގެ ތެރޭގައި ޖަޒީރާ ރާއްޖޭގެ ޕޮލިސީ އެޖެންޑާއާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި "ނޫ އިޤްތިޞާދެއް" ބިނާކުރުމުގައި ބައިވެރިވުން އިތުރުކުރުމާއި، އިޖްތިމާޢީ ކުރިއެރުން އިތުރުކުރުމަށް ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.

މީގެއިތުރުން ގުޅުން ބަދަހިކުރުމާއި، އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއް ބައެއް ޤައުމުތަކާއެކު ވަނީ ސޮއިކޮށްފައެވެ. މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019ގައި ދުނިޔޭގެ 35 ޤައުމަކުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.