ސިޔާސީ

ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން ސުލޫކީ ފިޔަވަޅު ނޭޅޭނެ- ސުޕްރީމް ކޯޓް


ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ ޤާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ފިޔަވަޅެއް އެޅުމަކީ ޣައިރުޤާނޫނީ ކަމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅަިފިއެވެ

ސުޕްރީމް ކޯޓުން މިއަދު ނެރުނު ޢަމުރުގައި ބުނެފައިވަނީ، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށްކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި، އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެކަމަށް ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ.

ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައި އޮންނަކަމަށާއި، ޤާނޫނު އަސާސީއާއި ޤާނޫނު މާނަކުރުމުގައި
އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމުގައި ޤާނޫނު އަސާސީގައި ބަޔާންކުރާކަމަށްވެސް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ. ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އޮތޯރިޓީ ލިބިގެންވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށްކަމާއި، އެ އޮތޯރިޓީ ދައުލަތުގެ އެހެން އެއްވެސް ބާރަކަށް އަދި އެހެން އެއްވެސް މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ޤާނޫނޫނު އަސާސީއިން ލިބިދީފައިނުވާކަން ސާފުކޮށް އެނގެން އޮންނަކަމަށްވެސް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ.

ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި
ޙުކުމަކާ ގުޅިގެން ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުޞޫލުތަކުގެ ބޭރުން ނުވަތަ
ފަނޑިޔާރުންގެ ސުލޫކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ
ބޭރުން އެއްވެސް ތަނެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަކަމަށްވެސް އެ ޢަމުރުގައިވެއެވެ.

" ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އެއްވެސް މަރުޙަލާއެއްގައި، މައުޟޫޢީ ގޮތުން ނުވަތަ އިޖުރާއީ ގޮތުންވިޔަސް، ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެއްވެސް ސިފައެއްގައި އެ ނިންމުމެއް ނިންމި ފަނޑިޔާރުން ޖަވާބުދާރީ ކުރުވައި ފަނޑިޔާރުންގެ މައްޗަށް އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އެޅުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިޚްތިޞާޞްއެއް ނޫން" ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ.

ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނިންމުމެއް ނިންމުމަށްފަހު، އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅިފައިވާކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ކުރިމަތިވާ ޙާލަތުގައި، އެފަދަ ކޮންމެ ނިންމުމެއް މުރާޖަޢާކޮށް އިންޞާފު ޤާއިމްކުރެވޭ މަގަށް އެ ނިންމުން ބަދަލުކުރުމުގެ ބާރަކީ އަބަދުވެސް ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތް ތަމްޘީލުކުރާ ދައުލަތުގެ އެންމެ މަތީ ކޯޓަށް ލިބިގެންވާ ޝަރުޢީ އަދި ޤާނޫނީ ބާރެއްކަން އެނގެން އޮންނަކަމަށްވެސް ސުޕްރީމްކޯޓްގެ ބަޔާނުގައިވއެވެ.

ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ކަމެއްކަމަށް ކަނޑައަޅައި، މިކަން، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާކަމަށްވެސް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެ ކޯޓުން ނެރެނު އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް އެ ކޯޓުން އިއްޔެވަނީ ކަނޑައަޅާފައެވެ. ސުޕްީމްކޯޓްގެ އެ އަމުރަކީ ޤާނޫނުއަސާސީ އާއި ހިލާފު އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ފާސްކޮށްފައެވެ.