ޚަބަރު

ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވެއްޖެ


ކަރަންޓް ސަބްސިޑީއަށް އެދި ރަޖިސްޓްރީކުރުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފިއެވެ.އެންސްޕާއިން ދޫކުރަމުން އަންނަ ކަރަންޓް ސަބްސިޑީއަށް އެދި އަލުން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދިހަވަނަ ދުވަހުއެވެ.ދެމަސް ދުވަހުގެ މުއްދަތަކަށް ފަހު، ގިނަ ބަޔަކު ކަރަންޓް ސަބްސިޑީއަށް އެދި ހުށަހަޅަން ކިޔޫގައި ތިބެން ޖެހުމުން، އެންމެނަށް އެފުރުސަތު ދިނުމުގެ ގޮތުން ދެވަނަ ފަހަރަށް ވަނީ ސަބްސިޑީއަށް އެދުމުގެ މުއްދަތު މިދިޔަ މަހުގެ އަށަކުން އިއްޔެގެ ނިޔަލަށް އިތުރުކޮށްފައެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ، ހުށަހަޅާފައިވާ ފޯމްތަކުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށާއި އަތޮޅު ތެރެއިން ލިބެންޖެހޭ ފޯމްތައް މިއަދުގެ ނިޔަލަށް އެންސްޕާއަށް ލިބެނޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ޕްރެސް ކޮންފަރެންސްއެއް މިހަފްތާ ތެރޭގައި ބާއްވާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ދެވޭ އެހީތައް މުރާޖައާކުރަމުގެ ގޮތުން އަލުން ރަޖިސްޓްރީކުރަން ހުޅުވާލީ، އެންސްޕާއިން ދޫކުރާ އެހީތައް ލިބެމުންދާ ފަރާތްތަކަކީ އެ އެހީތައް ލިބުން ޙައްޤުވާ ފަރާތްތޯ ދެނެގަނެ އެފަރާތްތަކަށް އެހީތައް ފޯރުކޮށްދިނުމަށް ކަމަށް އެންސްޕާއިން މައުލޫމާތު ދެއްވައެވެ.އެންސްޕާއިން ފޯރުކޮށް ދެމުންގެންދާ އެހީތައް ތަފާތު އެތައް ސަބަބަކާހުރެ ލިބެންވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ނުލިބިވާ ކަމަށާއި އެގޮތުން މިހާރުވެސް އެންސްޕާއިން ދެމުންގެންދާ ކަރަންޓު ސަބްސިޑީޒްގެ އެހީ ލިބެނީ ސެޓެލްކޯއިން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން އަށްޑިހަ ހަތަރު އިންސައްތަ ފަރާތަށް ކަމަށް އެންސްޕާއިން މައުލޫމާތު ދެއްވައެވެ. އަދި ބަކީ ސޯޅަ އިންސައްތަ ފަރާތަށް ސަބްސިޑީ ނުލިބޭ ކަމަށްވެސް އެންސްޕާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.މީގެއިތުރުން ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ކަރަންޓު ސަބްސިޑީޒް ލިބެމުންދާ ކަމަށާއި މީގެ ތެރެއިން އެގާރަ އިންސައްތަ މީޓަރަކީ ވިޔަފާރި ކުރާ ތަންތަނުގައި ބަހައްޓާފައިވާ މީޓަރުތައް ކަމަށް އެންސްޕާއިން ކުރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާރު ވަނީ ވިޔަފާރި މީޓަރުތަކަށް ދޫކުރަމުން އައި ކަރަންޓް ސަބްސިޑީ ހުއްޓާލާފައެވެ.މިދިޔަ އަހަރު ކަރަންޓް ސަބްސިޑީޒްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ނުވަސަތޭކަ ހަތްދިހަ މިލިއަން ރުފިޔާ ދޫކުރައްވާފައިވާ ކަމަށް އެންސްޕާގެ ތަފާސް ޙިސާބުތަކުން ދައްކައެވެ.