ޚަބަރު

މޫސުމަށް ސަމާލު ވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި


މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވާތީ، ދިމާވެދާނެ ޙާދިސާތަކަށް ސަމާލުވުމަށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފް އިން މިއަދު ނެރުނު މޫސުން އެލާރޓެއްގައި ބުނެފައިވަނީ، މޫސުމް ގޯސް ވުމުގެ ސަބަބުން ފަޅުތެރޭގައި އަޅާފައިވާ އުޅަނދު ފަހަރުތައް ކަނޑައިގެން ގޮސް ގެއްލުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްތައް ލިބެމުންދާ ކަމަށާއި އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރާ ޙަވާލުވެފައިވާ ފަރާތްތަކުން ފަޅުތެރޭގަޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރަށް މޫސުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.މީގެ އިތުރުން ރޭގަނޑު ދަތުރު ކުރާނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީ، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެބޮޑަށް ބަރު ނުކުރެއްވުމާއި، ދަތުރު ކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށްވެސް އެމްއެންޑީއެފް އިން އިލްތިމާސްކުރައްވައެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ބޯކޮށް ވާރެވެހި ވިއްސާރަކުރާނެ ކަމަށާއި ޚާއްސަކޮށް އުތުރުގެ ރަށްތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.