ޚަބަރު

ޕީޕީއެމަށް ދޭންޖެހޭ 9.2 މިލިއަން ރުފިޔާ ޖަމާކޮށްދީފި


ދައުލަތުގެ ބަޖެޓުން ޕްރޮގްރެސިވް ޕާޓީގެއަށް ދޭންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ޖަމާކޮށްދީފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޕީޕީއެމަށް ދޭންޖެހޭ 9.2 މިލިއަން ރުފިޔާއަށް އެޕާޓީއަށް ޖަމާކޮށްދިނީ އިލެކްޝަނުން އެކަމަށް އެދުނުތާ 3 ދުވަހުގެ ތެރޭގައިކަމަށެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ދޫކުރަންޖެހޭ ފައިސާގެ ޕީޕީއެމް ނޫން އެހެން ޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ 9 ވަނަ ދުވަހު ދޫކޮށްފައެވެ. ފިނޭންސް މިނިސްޓްރީން އޭރު ވިދާޅުވީ ޕީޕީއެމްއަށް ފައިސާ ޖަމާނުކޮށްދިނީ އިލެކްޝަނުން އެދިފައިނުވާތީކަމަށެވެ.

މިިދޔަ އަހަރު ނިމުމުނު އިރު 10000 މެމްބަރުން ތިބި ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ. ދައުލަތުގެ ބަޖެޓުން މި އަހަރު ފައިސާ ދޫކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭއެވެ.

ޕާޓީތަކަށް ފައިސާ ދޫކުރި އަދަދު
އެމްޑީޕީ: 12،749،191.09ރ.
ޖުމްހޫރީ ޕާޓީ: 2،059،960.36ރ.
އެމްޑީއޭ: 2،031،754.50ރ.
ޕީޕީއެމް: 9،377،167.06ރ.


ޕާޓީތަކަށް ފައިސާ ދޫކުރިއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކޮށްދީފައިވަނީ މި ޢަދަދު އުނިކުރުމަށްފަހުއެވެ.

އެންމެ ފަހުން އިލެކްޝަނަސް ކޮމިޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 10000 މެމްބަރުން ހަމަވާނީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގައެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 54302 މެމްބަރުންނެވެ. ދެން އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބެރުންގެ އަދަދީ 38020 އެވެ. ތިންވަނައަށް މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދީ 9335އެވެ.